ހަމަނުޖެހުންތަކާ ކުރިމަތިލުންތައް ގަދަވެފައިވާ އިތިއޮޕިއާގެ އުތުރުގެ ސަރަހައްދުތަކުގައި ބަނޑަށްޖެހިފައި ވާ މީހުން އެބަތިބި ކަމުގެ އިންޒާރު، އިންސާނީ އެހީއާ ބެހޭ އދގެ އިސްވެރިޔާ، މާކް ލޯކޮކް ދެއްވައިފިއެވެ.

އިތިއޮޕިއާ ބަނޑަށް ޖެހިފައި ވާ ކަމުގެ އިންޒާރު ދެއްވަމުން ލޯކޮކް ވަނީ، މަސްރަހު އަދިވެސް އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ހަނގުރާމައިގެ ސަބަބުން މުޅިންހެން ސުންނާފަތި ވެފައި ވާ ތިގްރޭ ސަރަހައްދާ، އަވަށްޓެރި އަމްހާރާ އަދި އަފާރް ސަރަހައްދުގައި ބަނޑުހައިހޫނު ކަމުގެ އިންތިހާ ކާރިސާއެއްގައި 350000 އެއްހާ މީހުން އެބަތިބި ކަމަށް، އދއިން އެއްބާރުލުން ދީގެން އެކުލަވާލި ދިރާސާއަކުން ދައްކައެވެ.

ހަތިޔާރުއެޅި ހަނގުރާމަވެރިންނާއި ސަރުކާރުގެ ބާރުތަކާ ދެމެދު ދިގުލާފައިވާ ކުރިމަތިލުންތަކުގެ ސަބަބުން، ތިގްރޭ ސަރަހައްދުން 1.7 މިލިއަނެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫއު (ޑަބްލިއުއެޗްޕީ) އާއި، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ވަނީ، އިތިއޮޕިއާގެ ކާރިސާއަށް ހައްލު ހޯދުމަށް، މިހާރުން މިހާރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

ސަރަހައްދެއް ބަނޑަށްޖެހިފައި ވާ ކަމަށް އދއިން ކަނޑައަޅާ ވަކި މިންގަނޑުތަކެއް ހުރެއެވެ. އެގޮތުން އެ ސަރަހައްދެއްގެ އާބާދީގެ 20 ޕަސެންޓް ގޭބިސީގައި ކާބޯތަކެތި އިންތިހާއަށް ހީނަރުވެ، ދިރިހުރެވޭނެ ވަރު ކިރިއާ ވުން، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް މަދުވުން ނުވަތަ އެކިއުޓް މެލްނިއުޓްރިޝަން ރޭތް 30 ޕަސެންޓަށް ވުރެ އިތުރުވުން އަދި ކޮންމެ 10000 މީހުންނެއްގެ ތެރެއިން، ދުވާލެއްގެ މައްޗަށް 2 އަކަށް ވުރެ ގިނަ މީހުން މަރުވުން ހިމެނެއެވެ.