މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފިއެވެ.

​ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް އުސޫލުން ކަމަށެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނަބުރާ ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާއި އެއް ގޮތަށް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއް. އަދި މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުންނަމަ ފައިސާ ނެގުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ލިބޭ ފަރާތްތަކާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް 15 ޕަސަންޓް ރޭޓެއްގައި ދޫކުރާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ. އަދި މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް 12 ޕަސަންޓު ރޭޓެއްގައި ފައިނޭންސިން ދޫކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.