ހަތިމަށް ކުޅުޖެހި މީހާ ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށް ބުނި ނަމަވެސް، ތަކުރާރުކޮށް އޭނާ އެފަދަ ކުށް ކުރާތީ، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ ހަތިމަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކުރީ، މީގެ ކުރިންވެސް މިސްކިތްތަކަށާއި ރައީސް އޮފީހުގެ ކުރިމައްޗަށް ކުޑަކަމުދިޔަ، އުމުރުން 40 އަހަރުގެ ހަސަން ޒިޔާދެވެ.

އެހެންވެ، އެ މައްސަލާގައި އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ ދިހަ ދުވަހުގެ ބަންދެއް ޖަހާފައެވެ. އެ މުއްދަތު ހަމަވާތީވެ ޒިޔާދު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް އިތުރު 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.

އިއްޔެގެ ޝަރީއަތުގައި ޒިޔާދު ބުނީ، މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ކުށަށް އިއުތިރާފުވެފައި ވާނެ ކަމަށާއި، ފުލުހުންނަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ. އަދި އާއިލާއިން އޭނާއާއި ހަވާލުވާނެ ކަމަށާއި، އެފަދަ އަމަލެއް ތަކުރާރުނުކުރާނެ ކަމަށެވެ. އެހެންކަމުން، ޝަރުތުތަކާ އެކު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އެދުނެވެ.

ނަމަވެސް ފުލުހުން ބުނީ، ތަހުގީގީ މަރުހަލާގައި ޒިޔާދު ހުންނަނީ ހަނު ކަމަށާއި، އޭނާގެ ފަރާތުން ކުށް ތަކުރާރުވާތީވެ، ޝަރުތުތަކާއެކު ދޫކޮށްލަން އިއުތިރާޒުވާ ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުން ވަނީ ޒިޔާދުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ޒިޔާދު އެންމެ ފުރަތަމަ ހައްޔަރުކުރީ، ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމުދިއުމާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލާގައި އޭރު އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން މީގެ ކުރިން ބުނީ ޒިޔާދު ދޫކޮށްލައިފި ނަމަ، މުޖުތަމައަށް ނުރައްކާ އޮތް ކަމަށާއި މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.