ލަންކާގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކެޕްޓަނަށް ދިން ހަމަލާގެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފިއެވެ.

މިމަހު 16 ވަނަ ދުވަހުގެ މެޗުގައި އަޑުބަރޭ ވަނީ މެޗުގެ ފަހު ވަގުތުގެ ފަސް މިނެޓުގެ ތެރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ، ބޯޅަވެސް ނެތި، ސީޝެލްސްގެ ކެޕްޓަން ސްޓީވްގެ ނޯށް މަތީ އުޅަނބޮށިން ގަސްތުގައި ޖަހާ ވައްޓާލާފައެވެ. އެއާއެކު ރެފްރީ ވަނީ އަޑުބަރޭއަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ.

އެ މައްސަލަ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން މިހާރު ބަލަމުން އަންނައިރު، މިދިޔަ އާދީއްތަ ދުވަހުގެރޭ އަޑުބަރޭ އެ ކޮމިޓީއަށް ހާޒިރު ކުރިއެވެ.

އަޑުބަރޭ ސީޝެލްގެ ކުޅުންތެރިޔާ އަށް ދިން ހަމަލާއާ މެދު ގިނަ ބަޔަކު ފާޑުކިޔާފައި ވާއިރު އޭނާ އަށް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އަޑުބަރޭ ސާފް ޗެމްޕިއަންޝިޕްގެ ޓީމްގައި ހިމެނުމުން ވެސް އޭނާ އަށާއި ކޯޗް އަލީ ސެޒޭނަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ. ކުޅުން ހުއްޓާލައިގެން ތިން އަހަރެއްހާ ދުވަހު ހުރުމުންނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލާގައި ޖާމިނުވެފައި ވާތީ، އެކަމާ ގުޅިގެންވެސް އާންމުން ވަނީ އަޑުބަރޭ ގައުމީ ޓީމުން ވަކިކުރުމަށް އެފްއޭއެމަށްވެސް ގޮވާލާފައެވެ.