މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ފާސްކޮށްފިއެވެ.

މިއަދުގެ ކޮމިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ކޮމިޓީއަށް ހާޒިރުވެ ތިއްބެވި 13 މެބްބަރުންގެ ތެރެއިން 11 މެންބަރަކު ވޯޓު ދެއްވިއެވެ.

ދެ މެމްބަރަކު އުވާލުމާ ދެކޮޅަށް ވޯޓު ދެއްވާފައި ވާއިރު ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މެޖޯރިޓީ ލިބުމުން ކޮމިޓީން ވަނީ އެކަން ފާސްކޮށް ރިޕޯޓް އެކުލަވާފައެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުން، އެ އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާޗް މަހުގެ އަށް ވަނަ ދުވަހުއެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާއެކު، މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް އޭރު ވިދާޅުވިއެވެ. ހަމައެއާއެކު، ވެހިކަލް ރަޖިސްޓާ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާލަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ވެސް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.