ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ދީފައިވާ ގްރޭސް ޕީރިއަޑުގެ ތެރޭ ފިނިޝިންގެ މަސައްކަތްތައް ނިންމައި ނުލެވިއްޖެނަމަ އެ މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމައި، އެކަމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް، އެޗްޑީސީން އިއްޔެ ބުނެފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު 800 އަށް ވުރެ ގިނަ ޔުނިޓުގައި މީހުން ވަނީ ދިރިއުޅެން ފަށާފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް އަދި ނިމިފައި ނުވާއިރު، ފިނިޝިންގެ މަސައްކަތްތައް ކުރުމުގެ ތަނަވަސްކަން ނެތުމުގެ ސަބަބުން ބައެއް މީހުންނަށް އަދިވެސް ޔުނިޓްތަކަށް ބަދަލުވެވޭ ގޮތެއް ނުވެއެވެ.

ނަމަވެސް ގްރޭސް ޕީރިއަޑް މިއަހަރު ހަމަވެ، އަންނަ ޖެނުއަރީން ފެށިގެން ކުލި ނަގަން ފަށާއިރު، ފިނިޝިން ނުނިމި، ކުލި ދައްކަން ޖެހުމަކީ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ މީހުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިހާރު ދީފައިވާ މުއްދަތު ހަމަވުމުން، ގްރޭސް ޕީރިއަޑް އިތުރުކުރުމާ މެދު ގޮތެއް ނިންމައި ސަރުކާރާއެކު އެޗްޑީސީން މަޝްވަރާކުރާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ޖުމްލަ 8،000ރ. ދައްކަން ޖެހޭނެއެވެ. ނަމަވެސް އެ އަދަދު ބޮޑުވެގެން 6،500ރ. އަށް ކުޑަކޮށްދިނުމަށް ފްލެޓް ލިބުނު މީހުން ސަރުކާރުގައި ވަނީ އެދިފައެވެ. އަދި ފްލެޓް ހަވާލުކުރި އިރު ފިނިޝިންގެ މަސައްކަތްތައް ނިމިފައި ނުވާތީ، ފިނިޝިންއަށް ހަރަދުވާ ވަރުން އެއްލައްކަ ރުފިޔާ ސަރުކާރުން ދިނުމަށްވެސް އެމީހުން ވަނީ އެދިފައެވެ. މި ކަމަށް ސަރުކާރުންވެސް އަދި އެޗްޑީސީންވެސް އިޖާބައެއް ދީފައެއް ނުވެއެވެ.