ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާ ފޮނުވި ޗިޓްގައިވާ ވަގުތަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން އެ އޮފީސް 250 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި 12 އަހަރަށް ޖަލަށްލާން ހުކުމް ކުރި ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 އަށް އޮތީ ތާވަލު ކޮށްފައެވެ.

ނަމަވެސް އެ އަޑުއެހުން 09:20ގައި ފަށާފައި ވާއިރު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް ކަން ފާހަގަކުރައްވާ ވަގުތަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހުސްނުއްސުއޫދު ވިދާޅުވީ ކޯޓަކުން ވަކި ގަޑިއަކަށް ހާޒިރުވާން އަންގާފައި ވާނަމަ އެ ގަޑިއަކަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ހާޒިރުވާން އަންގާ ޗިޓަކީ ވެސް ކޯޓުގެ އަމުރެއް ކަމަށާއި ކޯޓު އަމުރުތަކަށް ތަބާވުމަކީ ކޮންމެ މީހެއް އަދި ކޮންމެ މުއައްސަސާއެއްގެ މައްޗަށް ވެސް މަޖުބޫރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއެހުމަށް 11 މިނެޓް ލަސްވުމުން އެކަމުގެ އަދަބެއްގެ ގޮތުން ޕީޖީގެ އޮފީސް 250 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާއިރު ޖޫރިމަނާ ހަތް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ.

އަދި ނުދައްކައިފިނަމަ ޕީޖީ އޮފީހުގެ ވަކީލުންނަށް މައްސަލާގެ އަޑުއެހުންތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ހުސްނުއްސުއޫދު ވދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ގަޑިޖެހިއްޖެނަމަ، އޭގެ ނަތީޖާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ޖޫރިމަނާ ވީ ޕީޖީ އޮފީހުގެ ތަޖުރިބާކާރު ވަކީލުން ކަމަށާއި މިކަމުން ދަތިތަކެއް ކުރިމަތިވިޔަސް، އެ މުއައްސަސާއަކަށް ވެސް އެކަން ދިފާއު ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގައެވެ. އޭގެ 6 އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އެއާއެކު އޭނާ ވަނީ މިނިވަން ވެފައެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތް ކުރަމުން ދިޔަ ގެއެއް ކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވެފައި ވަނީ، ގުދުރަތީ މަރަކުން ނޫންކަމަށް ތަހްގީގަށް ފެންނަ ކަމަށާއި ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައި ވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.

ނަމަވެސް ފަހުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރި އިރު ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު، ނަޖާހު، 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.