ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމައި، ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ ވޭތުވެދިޔަ ހަފުތާގައިކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ޝަރުތު ހަމަވަނީ މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮވެގެން ކަމަށް ވާއިރު، އެ ދުވަސްވަރު އެ ރަށުގައި ދިރިއުޅޭ ކަމަށް ރެކޯޑުތަކުން ފެންނަން އޮތީ ގާތްގަނޑަކަށް 8،000 މީހުންނެވެ.

މި މައްސަލައިގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ޝަކުވާ ހުށަހެޅުއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ތުހުމަތު ކުރައްވާ ގޮތުގައި، އާބާދީގެ ޝަރުތު ހަމަކުރުމަށްޓަކައި 2022 ވަނަ އަހަރުން ފެށިގެން އެ ރަށު ކައުންސިލުން ވަނީ ރަޖިސްޓްރީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުއްދައަކާ ނުލައި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނާއި، ނިޔާވެފައިވާ މީހުންގެ އިތުރުން ރަށްވެހިކަން ބަދަލުކޮށްފައިވާ މީހުންގެ މައުލޫމާތު ބޭނުންކޮށް، އެއް ބައެއްގެ މައުލޫމާތު ތަކުރާރުކޮށްގެން އާބާދީ 10،150 އަށް އިތުރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުން ފޮނުވި ލިޔެކިޔުންތަކުގައި 300 އަށް ވުރެ ގިނަ މީހުންގެ އައިޑީ ކާޑު ތަކުރާރުވެފައިވާކަން އެލްޖީއޭގެ ޗެކްތަކުން އެނގިފައިވެއެވެ. އަދި ޑީއެންއާރުގެ ރަސްމީ ދަފްތަރުން އެ އަދަދު ހަމަނުވާތީ، ތިނަދޫ ސިޓީއަކަށް ހެދުމަށް އެލްޖީއޭއިން ކުރިން އައީ ދެކޮޅު ހަދަމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން ހިންގި އިދާރީ ތަހުގީގަކަށް ފަހު، ތިނަދޫގެ މޭޔަރު ސައުދު އަލީ މީގެ ކުރިން ތިން މަސްދުވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑް ވެސް ކުރިއެވެ.