އޭނާ މިވަގުތު ހުރީ ސަލާމަތުން ހެޔޮ ހާލުގައި ކަމަށް ޗައިނާގެ ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއޭ ޔަގީންކޮށްދީފައި ވާ ކަމަށް ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ، އައިއޯސީން ބުނެފިއެވެ.

އައިއޯސީން ނެރުނު ބަޔާނެއްގައި ބުނީ ޕެންގް މިކަން ހާމަކޮށްފައި ވަނީ އެޖަމާއަތުގެ ރައީސް ތޯމަސް ބާޗްއާއެކު ބޭއްވި ވީޑިއޯ ކޯލެއްގައި ކަމަށާ މި ވީޑިއޯ ކޯލް 30 މިނެޓަށް ދެމިގެން ދިޔަ ކަމަށެވެ.

ޕެންގްގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ސުވާލު އުފެދުނީ ޗައިނާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބާ ދެކޮޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރުމަށް ފަހު އާންމުންގެ ތެރެއިން ގެއްލުމުންނެވެ. މިގޮތުން، 35 އަހަރުގެ ކުޅުންތެރިޔާ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައި ވަނީ މީގެ ތިން ހަފްތާ ކުރިންނެވެ. މިކަމުގެ ސަބަބުން ވަކި ވަކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އެމެރިކާ ފަދަ ބާރުތަކުން ވަނީ ޕެންގްގެ ސަލާމަތް ކަށަވަރުކުރުމަށް ޗައިނާއަށް ގޮވާލާފައެވެ.

އައިއޯސީން ނެރުނު ބަޔާނުގައި ބުނީ އެޖަމާއަތުގެ ރައީސާ އެކު ޕެންގް ބޭއްވި ކޯލުގައި އޭނާ ވަނީ އޭނާގެ ސަލާމަތާ ރައްކާތެރިކަމާ މެދު އައިއޯސީން ކަންބޮޑުވާތީ އެކަމަށް ޝުކުރު އަދާކޮށްފައި ކަމަށެވެ.

މިކޯލުގައި ޕެންގް ވަނީ އޭނާ ސަލާމަތުން ހުރިކަމަށް ބުނެފައި ކަމަށާ އޭނާ މިވަގުތު ހުރީ ބެއިޖިންގްގައި ހުންނަ އަމިއްލަ ގޭގައި ކަމަށެވެ. އަދި މިވަގުތު ބޭނުން ވަނީ އާއިލާއާ އެކު ވަގުތު ހޭދަކުރަން ކަމަށާ އޭނާގެ ޒާތީ ކަންކަމަށް އިހްތިރާމް ކުރުމަށް ވެސް ޕެންގް އެދިފައިވާ ކަމަށް އައިއޯސީން ބުނެއެވެ.

އައިއޯސީން ނެރުނު ބަޔާނާއެކު ވަނީ ޕެންގް ޝުއޭ ވީޑިއޯ ކޯލެއް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމު ކޮށްފައެވެ.

މި ޓެނިންސް ކުޅުންތެރިޔާގެ ސަލާމަތާ މެދު ކަންބޮޑުވުންތައް އުފެދުނީ ޗައިނާގެ ސަރުކާރާއި ވެރިންނާ ދެކޮޅަށް ބަދުބަސް ބުނާ ފަރާތްތައް މީގެ ކުރިން ވެސް 'ގެއްލިފައި' ވާތީއެވެ.