އިރާނުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ގިނަވެ، ހަފްތާއެއްގެ ތެރޭގައި މަރުވި ފުލުހުންގެ އަދަދު ހަޔަކަށް އަރައިފިއެވެ.

ޕާކިސްތާނު ބޯޑަރު ކައިރީ އޮންނަ ބަލީޗެސްތާން ޕްރޮވިންސުގައި ހަނގުރާމަވެރިންނާއި ފުލުހުންނާ އަބަދުވެސް ކުރިމަތިލުންތައް ހިނގަމުން ދާއިރު ފާއިތުވި ހަފްތާގެ ތެރޭގައި އެ ޕްރިވިންސަށް ވަގަށް އެތެރެކޮށްފައިވާ ތެޔޮ އުފުލަން އުޅުނު އުޅަނދެއްގައި ތިބި ހަނގުރާމަވެރިންނާއި ފުލުހުންނާ ހިނގި ކުރިމަތިލުންތަކެއްގައި ހަނގުރާމަވެރިން ވަނީ ފުލުހެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފައެވެ.

މިހަމަލާއާ ގުޅިގެން އިރާނުގެ ފުލުސް އޮފިސަރަކު ވިދާޅުވީ މި ހަމަނުޖެހުމުގައި މަރުވި ފުލުހުންގެ އަދަދު ތިނަކަށް އަރާފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 24 ގަޑިއިރަށް ކުރިއަށް ދިޔަ މި ކުރިމަތިލުންތަކުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިއަ ހަނގުރާމަވެރިންގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެގައުމުގެ ހުޅަނގު ދެކުނު ހުޒެސްތާނުގައި ވެސް ހަތިޔާރުއެޅި ބަޔަކާ ދެކޮޅަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައި ވާއިރު މި އޮޕަރޭޝަނުގެ ތެރެއިން ހިނގި ކުރިމަތިލުންތަކެއްގައި އެގައުމުގެ ފުލުހުންގެ ކެޕްޓަނެއް ވަނީ މަރުވެފައެވެ.

އެގައުމުގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައް އިތުރުވެ، އެކި މީހުުންނަށް އަނިޔާވަމުން ދާއިރު ދާދި ފަހުން އިސްފަހާން ޕްރޮވިންސްގައި ހަތިޔާރުއެޅި ގްރޫޕަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ހިންގާފައެވެ. އޭގެ ސަބަބުން ފުލުހަކަށް ސީރިއަސް އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.