ފާއިތުވި 3 އަހަރު އެމްޑަބްއުއެސްސީ އިން 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިއީ އެ ކުންފުނީގެ ތާރީހުގައިވެސް އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގި ތިން އަހަރު ކަމަށާއި އެ މަޝްރޫއެ ތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް، 6 ރަށެއްގެ ފެނުގެ ނިޒާމް އަދި 2 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

މި ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް ދަނީ ކުރަމުން ކަމަށާއި ބައެއް މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީ އިން ކުރިން މަސައްކަތް ފަށާފައިވާ އއ.ރަސްދޫ ފެނުގެ ނިޒާމް އާއި ޅ.ކުރެންދޫ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާ، ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

އެ މަޝްރޫއުތަކުގެ ދަށުން 3,000 އަށްވުރެ ގިނަ ގެއަށް ފެނުގެ ގުޅުން އަދި ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު ޖުމްލަ 1.8 ބިލިއަން ދިވެހިރުފިޔާއަށް އަރާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ އިން އިތުރަށް ބުނީ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް އާބާދީގެ ކުޑަ ބޮޑު މިނެއް ބެލުމެއް ނެތި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމުގައި އެ ކުންފުނިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.