ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކިން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް ސިސްޓަމްގެ މުހިންމު އަޕްގްރޭޑް މަސައްކަތެއްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޭންކިން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

އަދި ވީހާވެސް އަވަހަކަށް މިކަން ހައްލުކޮށް ހިދުމަތް ދޭން މަސައްކަތް ކުރަމުން ދާ ކަމަށް ބޭންކުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބޭންކުން ވަނީ މައާފަށް އެދިފައެވެ.

ބީއެމްއެލް އިން މިހެން ބުނެފައި ވާއިރު ބީއެމްއެލްގެ އެކައުންޓުތަކުގައި ބެލެންސް ދައްކަނީ ހުރިހާ އެކައުންޓަކުން ވެސް ސުމެކެވެ. އެކަމާ ގުޅިގެން އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު ޕީއޯއެސް މެޝިންތައް ހިމެނޭ ގޮތުން އޮންލައިންކޮށް ބޭނުން ކުރާ ބޭންކުގެ އެއްވެސް އެޕެއް މިވަގުތަކު ބޭނުމެއް ނުކުރެއެވެ.

ބީއެމްއެލްއިން މީގެ ކުރިން މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.