އުމުރުން 25 އަހަރުގެ އުތްރާގެ މަންމަ އަށް އޭނާ ފެނުނީ ހަރަކާތް ހުއްޓި އެނދުގައި އޮއްވައެވެ. އަތުގެ މުލައްދަނޑީގައި ލޭ ހުރި އިރު ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވެ އޭނާ މަރުވެއްޖެއެވެ.
2020 ވަނަ އަހަރު ހިނގި މިހާދިސާގައި އުތްރާގެ ޕޯސްޓް މޯޓަމް ހެދުމަށް ފަހު ނިންމީ އޭނާ މަރުވީ ހަރުފައެއް ވިހަލައިގެން ކަމަށެވެ. ވިހަ ގަދަ ހަރުފައިގެ އެކި ބާވަތްތައް އުޅޭ އިންޑިއާގައި ހަރުފައެއް ވިހަލައިގެން މީހަކު މަރުވުމަކީ އާކަމެއް ނޫނެވެ.
އެހެންނަމަވެސް އުތްރާގެ އާއިލާއަށް ވިސްނުނީ އޭނާގެ މަރުގައި ގޮތް ނޭނގޭ އެހެން ކަމެއް އުޅޭ ކަމަށެވެ. އަދި މައްސަލަ ބެލުމަށް އާއިލާއިން ކޯޓަށް ދިޔައެވެ.
އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާހަ ހޯދި ޝަރީއަތަކަށް ފަހު ކޯޓުން ނިންމީ އުތްރާ މަރުވި ވިހަ ގަދަ ހަރުފައެއް ކަމަށްވާ ކޯބްރާއެއް ވިހަ ލައިގެން ކަމަށެވެ. އެހެން ނަމަވެސް އޭނާ މަރާލި ކަމުގެ ކުށް ސާބިތުވީ އުތްރާގެ ފިރިމީހާ ސޫރަޖް ކުމާރަށެވެ.
ކައިވެނި ކުރީ ފައިސާގެ ދަހިވެތި ކަމުގައި
ސޫރަޖާއި އުތްރާ ދިމާވީ އިންޓާނެޓް ސައިޓަކުންނެވެ. 2018 ވަނަ އަހަރު ދެމީހުން ކައިވެނި ކުރި އިރު އުތްރާގެ އާއިލާއިން ބުނީ ސޫރަޖް އަކީ މާލީ ގޮތުން ތަނަވަސް މީހެއް ނޫން ކަމަށާއި ކައިވެންޏަށް ގިނައިން ހަރަދުކުރީ ވެސް އުތްރާގެ އާއިލާއިން ކަމަށެވެ. މިގޮތުން އުތްރާގެ އާއިލާއިން ވަނީ ސޫރަޖަށް ދަހޭޖު ނުވަތަ ޑައުރީގެ ގޮތުގައި 720 ގްރާމްގެ ރަނާ،އި ސުޒުކީ ސިޑާން މަރުކައިގެ ކާރަކާއި 6،700 ޑޮލަރު ދީފަވެ. މިކަމުގެ ސަބަބުން އުތްރާގެ އާއިލާއިން ދުށީ ސޫރަޖް އުތްރާއާ ކައިވެނި ކުރީ ވެސް ފައިސާގެ ދަހިވެތި ކަމުގައި ކަމަށެވެ.
ދެމީހުންގެ ޒަވާޖީގެ ހަޔާތް ފަށައިގެން މާ ގިނަ ދުވަސްތަކެއް ނުވެ ސުރާޖާއި އޭނާގެ އާއިލާއިން އިތުރު އެއްޗެއްސަށް ޑިމާންޑް ކުރަން ފެށިއެވެ. މިގޮތުން، ގޭގައި ހިފާ ގެންގުޅޭ ސާމާނު ގަތުމަށާއި ފަރުނީޗަރު ގަތުމަށާއި ކާރެއް ގަތުމަށް ފައިސާ ހޯދި އިރު ސޫރަޖްގެ އަންހެން ކޮއްކޮގެ އެމްބީއޭ ކޯހުގެ ފީ ވެސް ދެއްކީ ސުތްރާގެ އާއިލާއިންނެވެ.
ސޫރަޖްގެ ޑިމާންޑްތައް އުތްރާގެ އާއިލާއިން ފުރިހަމަ ކުރަމުން ދިޔަ ނަމަވެސް ކައިވެނީގެ ވަކި ހިސާބަކުން ސޫރަޖް އުތްރާގެ މަތިން ފޫހިވެ އޭނާ މަރާލުމުގެ ނުބައި ރޭވުން ރާވަން ފެށިއެވެ.
ދެ ފަހަރެއްގެ މަތިން އުތްރާ މަރާލަން އޭނާގެ ފިރިމީހާ މަސައްކަތް ކުރި
ސޫރަޖާ ދެކޮޅަށް ހިންގި ޝަރީއަތުން ހާމަވި ގޮތުގައި 2019 ވަނަ އަހަރުގެ ފަހު ކޮޅު އޭނާ ހަރުފައާ ބެހޭ ގޮތުން އާދަޔާ ހިލާފަށް ގިނައިން މައުލޫމާތު އެއްކުރަން ފެށިއެވެ. މިގޮތުން، ހަރުފަ ގެންގުޅޭ މީހުން ޔޫޓިއުބްގައި ހިންގާ ޗެނަލްތަކުގައި ހުންނަ ވީޑިއޯތައް ގަވައިދުން ބަލާ ހަދާ އިރު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސޫރަޖް ވަނީ 135 ޑޮލަރަށް ހަރުފައެއް ގަނެފައެވެ.
ކޯޓުގެ ލިޔެކިއުންތައް ދައްކާ ގޮތުން ސޫރަޖް ގަތް މި ވިހަ ގަދަ ހަރުފަ އޭނާ ވަނީ ދެމަފިރިން އުޅޭ ގޭގެ ސިޑި މަތީގައި ބާއްވާ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އޮތް އޭނާގެ ފޯނު ބަލާ އުތްރާ ފޮނުވާފައެވެ. އޭނާ ގަސްތުކުރީ އުތްރާއަށް ނޭނގި އެރުމުން ސިޑި މަތީގައި އޮތް ހަރުފަ އޭނާގެ ގައިގައި ދަތްއަޅައިގެން އުތްރާގެ ފުރާނަ ދުއްވާލާށެވެ. އެހެން ނަމަވެސް ސޫރަޖްގެ ޕްލޭން ނާކާމިޔާބުވީ އުތްރާއަށް ހަރުފަ ފެނިގެން ހަޅޭފަޅޭ ލައިގެން އެސޮރު ގެއިން ނެރުމުންނެވެ.
އުތްރާގެ ފުރާނަ ދުއްވާލަން ފުރަތަމަ ރޭވި ރޭވުން ނާކާމިޔާބުވުން ސޫރަޖަށް އިތުރު ހިތްވަރު ލިބުނު ކަހަލައެވެ. އަދި ދެވަނަ ފަހަރު އޭނާގެ ރޭވުމުން އުތްރާއަށް ސަލާމަތް ނުވެވޭނެ ހެން ސޫރަޖް ޕްލޭން ކުރިއެވެ.
މިގޮތުން ސޫރަޖް ފުރަތަމަ ކުރި ކަމަކީ އުތްރާ ހޭނައްތާލުމެވެ. މިކަން ކާމިޔާބުކުރީ އުތްރާއަށް ކާން ދިން ޕުޑިންގް ތައްޓަށް ހޭނައްތާ ބޭސް އަޅައިގެންނެވެ. އެބޭހުގެ ސަބަބުން އުތްރާ ގަދަ ނިންޖަކަށް ގެނބިގެން ދިޔަ އިރު ސޫރަޖް ވަނީ އޭނާ ކުރިން ގަތް ހަރުފަ ލައްވާ ގަދަކަމުން އުތްރާއަށް ވިހަ ލައްވާފައެވެ. އަދި އޭނާގެ މި އަމަލު ފޮރުވަން ސޫރަޖް ވަނީ ހަރުފަ ގެއިން ބޭރަށް އެއްލާލާފައެވެ.
އެހެން ނަމަވެސް މި ހަމަލާއިން ވެސް އުތްރާ ސަލާމަތްވި އިރު ހޮސްޕިޓަލުުގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދޭން ޖެހުނެވެ. ހޮސްޕިޓަލުން ދޫކޮށްލި އިރު އޭނާއަކަށް ނުހިނގެއެވެ.
އުތްރާ މަރާލި ހަމަލާ
އުތްރާ މަރާލަން ދެން ސޫރަޖް މަސައްކަތް ކުރީ އުތްރާ ބަލި އެނދުުގައި އޮއްވައެވެ. މިގޮތުން ހޮސްޕިޓަލުން ދޫކޮށްލިތ 15 ވަނައަށް ވީ ދުވަހު ސޫރަޖް އުތްރާ މެރުމަށް ތިން ވަނަ ހަމަލާ ދިން އިރު މިފަހަރުވެސް އޭނާ ވަނީ އޮޅުވާލައިގެން އުތްރާ ހޭނައްތާލާފައެވެ. އަދި މިފަހަރު އުތްރާއަށް ހަމަލާ ދިނުމަށް ސޫރަޖް ބޭނުން ކުރީ ދުނިޔޭގައި ވެސް އުޅޭ އެންމެ ވިހަ ގަދަ އެންމެ ބާރުގަދަ އެއް ހަރުފަ ކަމަށްވާ ކޯބްރާއެކެވެ.
ކޯޓުގެ ލިޔުންތައް ދައްކާ ގޮތުން ސޫރާޖް ވަނީ އުތްރާ ނިދާފައި އޮއްވާ އޭނާގެ ގަޔަށް އެ ކޯބްރާ އެއްލާފައެވެ. އަދި އެކޯބްރާ އުތްރާ ގައިގާ ވިހަ ނުލުމުން ސޫރަޖް ވަނީ ގަދަކަމުން އޭތީގެ ބޮލުގައި ހިފާ އުތްރާގެ އަތަށް އޭތީގެ ވިހަ ގަދަ ދަތްތައް ދެ ފަހަރު މަތިން ވައްދާލާފައެވެ.
ސޫރަޖްގެ ޕްލޭން ފަޅާ އެރީ ވެސް އޭނާއާ ހެދި
އުތްރާ މަރުވީ ހަރުފައެއް ވިހަލައިގެން ކަމަށް ދައްކުވަން ސޫރަޖް މާގިނަ މަސައްކަތްތައް ކުރުމުގެ ނަތީޖާއަކަށް ވީ މިކަމުގައި އޭނާއަށް ގޯސްތަކެއް ހެދި އަމިއްލައަށް ބޭޒާރުވުމެވެ.
މިގޮތުން އުތްރާގެ އަތުގައި ހަރުފަ ހިފާފައި ހުރި ދެ ޒަހަމް ހުރިލެއް ކައިރި ކަމާއި އެހާ ބޮޑު ހަރުފައެއް ގޭގެ އެންމެ އެތެރޭގައި ހުރި ކޮޓަރިއަކަށް ވަނުުން ފަދަ ކަން ކަމާ މެދު ސުވާލު އުފެދުނެވެ. މީގެ އިތުރުން، ކޯޓުގައި ވާހަކަ ދެއްކި ތަޖުރިބާކާރުން ވަނީ ކޯބްރާއަކީ އެސޮރަށް ވަރަށް ޖެއްސުން ކުރީއާ ނޫނީ އިސްވެ ހަމަލާ ދޭ ހަރުފައެއް ނޫން ކަމަށް ވެސް ބުނެފައެވެ. އަދި ބުދެއް ބޭނުންކޮށްގެން ތަޖުރިބާކާރުން މިކަން ކޯޓުގައި ސާބިތުކުރި އިރު ރޭގަނޑު 8ގެ ފަހުން ކޯބްރާއެއް މީހަކަށް ހަމަލާ ނުދޭނެ ކަމަށް ވެސް އެމީހުން ބުންޏެވެ.
މީގެ އިތުރުން، މިފަދަ ބިޔަ ހަރުފައެއް ވިހަ ލާ އިރު އުތްރާއަށް ހޭނުލެވި ނޯންނާނެ ކަމަށާއި އެވާނީ އޭނާގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު އަނިޔާއަށް ކަމަށް ވެސް ތަޖުރިބާކާރުން ވަކާލާތު ކުރިއެވެ.
ސޫރަޖްގެ މައްޗަށް ކުށް ސާބިތުވުން
އުތްރާއަށް ދިން ހަމަލާއަށް ފަހު ސޫރަޖްގެ އުޅުން ހުރީ ޝައްކުވާ ގޮތަކަށް ކަން ކޯޓުގެ ލިިޔެކިއުންތަކުން ސާބިތުވެއެވެ. މިގޮތުން، އެރޭ ސޫރަޖް ހޭލާ ހުރެގެން އޭނާ ހިންގި ޖަރީމާ ފޮރުވުމަށް މަސައްކަތް ކުރިކަން ފަހުން ފަޅާ އެރި އިރު ސޫރަޖް ވަނީ އޭނާގެ ކޯލް ލޮގްތައް ވެސް ޑިލީޓް ކޮށްލާފައެވެ.
ސޫރަޖާ ދެކޮޅަށް ލިބުނު އެންމެ ބޮޑު ހެއްކަކީ އުތްރާގެ ގައިގައި އޭނާ ވިހަލެއްވި ހަރުފައެވެ. އެހަރުފަ ވިހަލި ރޭ ނޫން އަނެއް ދުވަހު އެގެއިން އޭތި ފެނިގެން އުތްރާގެ ބޭބެ ވިޝޫ، ހަރުފަ މަރަލައި އެ ދެމީހުންގެ ބައްޕަ ގޭގެ ބިއްދޮށުގައި އޭތި ވަޅުލި އިރު ފުލުހުންގެ ފޮރިންސިކް ޓީމުން ވަނީ ހަރުފަ ނަގާ އޭތީގެ އޮޓޮޕްސީއެއް ހަދާފައެވެ.
އެއިން އެނގުނު ގޮތުގައި ހަރުފަ މަރުވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ނުކައި އޮތް ކަމަށާ އެއީ ވަލުގައި އުޅުނު ހަރުފައެއް ނޫން ކަން ސާބިތު ވިއެވެ. އަދި އެއެއްޗަކީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް އެއްޗެއްކަން ވެސް އެނގުނެވެ. އަދި ސޫރަޖް އެ ކޯބްރާ ގަތް ގޮތް ވެސް ކޯޓުގައި ހާމަވިއެވެ.
އުތްރާ މަރާލުމުން ސޫރަޖް މުޅި އުމުރަށް ޖަލަށް ލުމަށް ކުރި ދެ ހުކުމް
ކޯޓުން ވަނީ، އުތްރާ މަރާލުމާއި އޭނާ މަރާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ސޫރަޖްގެ މައްޗަށް ހަތަރު ކުށެއް ސާބިތު ކޮށްފައެވެ. އަދި ސޫރަޖްގެ މައްޗަށް ވަނީ މުޅި އުމުރަށް ޖަލަށް ލުމުގެ ދެހުކުމް ކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސު ހިސާބު ދައްކާ ގޮތުން 2000 ވަނަ އަހަރުން 2019 ވަނަ އަހަރާ ހަމަށް އިންޑިއާގައި ހަރުފަ ވިހަލައިގެން 1.2 މިލިއަން މީހުން މަރުވިއެވެ. އިންޑިއާގެ ފުލުހުން ބުނާ ގޮތުުން މީގެ ތެރެއިން އެކްސިޑެންޓްތަކާއި ގަސްތުގައި ދިން ހަމަލާއަކީ ކޮބާކަން ބުނެދޭކަށް ނޭނގެއެވެ.