ރާއްޖޭގެ ކޯސްތްގާޑާއި އިންޑިއާގެ އަދި ލަންކާ ހިމެނޭ ގޮތުން ހިންގާ ދޯސްތީ އެކްސަސައިޒް ގެ މަނަވަރުތައް މާލެއައިސް އެކްސަސައިޒް ފެށުމުގެ ގޮތުން މާލެވަށާ ދުއްވާލަައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ކޯސްޓުގާޑާއި އިންޑިއާ އަދި ލަންކާގެ ކޯސްޓުގާޑު ގުޅިގެން ހިންގާ ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެކްސަސައިޒް ދޯސްތީ އަކީ މީގެ 30 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ އެކްސަސައިޒެކެވެ. މި ހަރަކާތުގެ ބޭނުމަކީ ރާއްޖެއާއި އިންޑިއާއާއި ލަންކާގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމާއި ކަނޑުމަތީގެ ހާދިސާތަކާ ގުޅިގެން ތިން ގައުމުން އެކުގައި މަސައްކަތް ކުރާނެ ގޮތްތައް ދަސްކުރުމެވެ.

މި ހަރަކާތުގެ 15 ވަނަ ހަރަކާތް މިއަދު ފަށާފާ ވާއިރު އެމްއެންޑީއެފުން ބުނީ މި ހަރަކާތުގައި ބައިވެރިވުމަށް އިންޑިއާ ކޯސްޓުގާޑް، އައިސީޖީއެސް ވަޖްރާ އާއި އައިސީޖީއެސް އަޕޫރްވާގެ އިތުރުން ސްރީލަންކާގެ ކޯސްޓްގާޑް އެސްއެލްސީޖީއެސް ސުރަކްޝާ ރާއްޖެ އައިސްފައި ވާ ކަމަށެވެ.