ޕީކް ދުވަސްވަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުވުމުގެ ސަބަބުން ވައިގެ ތެރޭ މަޑުކުރަން ޖެހޭ ކަމަށް އެމްއޭސީއެލުން އަންގާތާ ތިން އަހަރު ވެއްޖެ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް އެއާލައިނެއްގެ ޝެޑިއުލަކަށް ބަދަލެއް ނުގެންނަ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ޕީކް ދުވަސްވަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ވީއައިއޭއަށް އަންނަ ފްލައިޓުގެ ނިސްބަތް އިތުރުވެ، ވައިގެ ތެރޭ މަޑުކުރަން ޖެހޭ ހާލަތްތައް އަންނަ ކަމަށާއި، އެފަދަ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ސާކިއުލާއެއް ނެރޭތާ ތިން އަހަރު ވެފައިވާ ކަމަށެވެ.

އެމްއޭސީއެލުން ނެރެފައިވާ ސާކިއުލާގައިވާ ގޮތުން އެއާލައިންތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

  • އެކަށީގެންވާ މިންވަރަކަށް (45 މިނެޓުގެ) ހޯލްޑިން ފިއުލް ބެހެއްޓުން
  • އޭޕްރަންގެ ޖާގައިގެ ދަތިކަމުން ޕްރިއޯރިޓީ ނުދެވޭނެ ކަމަށާއި، އެހެންވެ އެއާޕޯޓުގައި ތޮއްޖެހުމުގެ ހާލަތްތައް މަދުކުރުމަށް ދެވިފައިވާ ތާވަލާ އެއްގޮތަށް ދަތުރުކުރުން.

ސްވިޒަލޭންޑުގެ ނޫހެއްގައިވާ ގޮތުން، އެ ސާކިއުލާއާ ގުޅިގެން އެގައުމާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އީޑްލްވައިސް އެއާލައިނުން ރާއްޖެއަށް ކުރަން ރޭވި ބައެއް ދަތުރުތައް ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް އެމްއޭސީއެލުން ބުނިގޮތުގައި ހުރިހާ އެއާލައިނަކަށްވެސް އެއާޕޯޓުން ޖާގަ ދެނީ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ކޮވިޑުގެ ތެރޭ އީޑްލްވައިސް އިން ހަފްތާއަކު ފްލައިޓަކަށް މަދުކުރި ކަމަށެވެ.

އަދި އެމްއޭސީއެލްގެ ސިޔާސަތަކީ އެއްވެސް އެއާލައިނަކަށް ހަމަޖެހިފައިވާ ޖާގަ ކެންސަލް ނުކުރާހާ ހިނދަކު އެހެން އެއާލައިނަކަށް ނުދިނުން ކަމަށާއި، މިގޮތަށް ދެވިފައިވާ ޖާގަތައް އިތުރުކުރުމަށް ބައެއް އެއާލައިންތަކުން ލިބެމުންދާ ހުށަހެޅުންތަކަށް ބެލުމަށްފަހު، ޖާގަ ހުރި މިންވަރަކުން ހުރިހާ އެއާލައިނަކަށްވެސް ފުރުސަތު ދިނުން ކަމަށް، އެކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެކުންފުނީގެ ޒިންމާއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހަމަހަމަކަމާއެކު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ދިނުން ކަމަށެވެ.