މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީންނަށް ރިހެބް ޕްރޮގްރާމެއް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ގުޅިގެން ހިންގުމަށް، ކަރެކްޝަންސް އިން އެއްބަސްވެއްޖެއެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު އެކަނިވެސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 184 ގައިދީއެއް ޖަލަށް ގެންގޮސްފައި ވެއެވެ.
ގައިދީންނަށް ރިހެބް ޕްރޮގްރާމް ފެށުމުގެ އެއްބަސްވުމުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޭޖެންސީ އާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ރަމީޒެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމުގެ ދަށުން، އިންހައުސް ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ބޭނުންވާނެ އާފްޓަކެއާ ޕްރޮގްރާމާއި، މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ޕްރޮގްރާމެއްކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތު އެއްކޮށް ޕްރޮގްރާމް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މުޖުތަމައަށް ނުކުންނަ ފަރާތްތައް މޮނިޓާ ކުރެވޭނެ އުސޫލުތައް ކަނޑައަޅަން ޖެހެއެވެ.
ކަރެކްޝަންސް އިން ބުނީ އެއް އަހަރުދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ގައިދީންނަށް ރިހެބް ޕްރޮގްރާމްތައް ހިންގާނީ ކަރެކްޝަންސްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސެލަރުންނާއި ކޭސް ވޯކަރުންގެ އިތުރުން ޖަލު އޮފިސަރުން ކަމަށެވެ.
ޖަލުތަކުގައި ރިހެބް ޕްރޮގްރާމްތައް ހިންގަން ފެށުމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްލާހުކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަލުން މުޖުތަމައަށް ނެރުމަށް ކަރެކްޝަންސް އިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް ކަރެކްޝަންސް އިން ފާހަގަކުރެއެވެ.