ށ. ޅައިމަގުގެ "ކުރިމަގު" ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝަށް ނިސްބަތްޗާ ލުތުފަރު، 2019 ވަނަ އަހަރުގެ އޭޕްރިލްގައި މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.
އެ މައްސަލާގައި ހައްޔަރުކުރި، އުމުރުން 50 އަހަރުގެ އެމްޑީ އަކްތަރު ހޮސެއިން މަރުވެފައި ވަނީ، ޖަލުގައި ހުއްޓާ މެއަށް ތަދެއް އަރައިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުއެވެ.
ކަރެކްޝަންސް އިން ބުނީ، އަކުތަރުގެ މެއަށް ތަދެއް އެރީ ގޮޅީގެ ތެރޭ ތާސްކުޅެން އިންދާ ކަމަށާއި، އެހެންވެ އޭނާއަށް ނޭވާލުމަށް އުނދަގޫވެގެން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިއުމާއެކު، ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.
މި މައްސަލާގައި އަކުތަރުގެ އިތުރުން ދެން ހައްޔަރުކުރީ އަލަމިން އާއި ނޫރުލްއިސްލާމެވެ.
ލުތުފަރު މަރާލީ އޭނާ އާއެކު ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން، އެކަމުގެ ނުރުހުމުގައި ކަމަށް މި ތިން މީހުން ވަނީ ކުރިން ބުނެފައެވެ. އެގޮތުން ލުތުފަަރު މަރާލީ ބޯޓުގެ ތެރޭގައި އޭނާގެ ކަރުގައި ހިފައިގެން ކަމަށްވީއިރު، އޭނަ ވަނީ ދިފާއުވުމަށް ހަޅޭޢްވެސް ލަވާފައެވެ.
ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގައި ބަރު އެއްސުމަށްފަހު އޭނާ ވަނީ ކަނޑުފައްތާލާފައެވެ. ލުތުފަރުގެ ކަށިތައް ފުލުހުން ވަނީ ފީނައިގެން ހޯދާފައެވެ. ލުތުފަރު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުން ވަނީ އޭނާ މަރާލިގޮތް ފުލުހުންގެ ތަހުގީގަށް ކުޅެދީފައެވެ.