ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި، ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ކުރި ތަހުގީގުން އެ ހޮސްޕިޓަލްގެ އިހުމާލު އޮތްކަމަށް ފެންނާތީ ސިއްހީ ހިދުމަތްތެރިންނަށް ފިޔަވަޅު އެޅުމަށް ދެ ކައުންސިލަކަށް ފޮނުވައިފިއެވެ.
އެ ކުއްޖާގެ އާއިލާއަށް ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސަދާގެ މަރުވި ގޮތުގެ ރިވިއުއެއް ހަދާފައިވާ ކަމަށާއި އެ ރިވިއުގައި އެ ހޮސްޕިޓަލުން ފަރުވާ ދިން ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މޯލްޑިވްސް މެޑިކަލް ކައުންސިލާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށެވެ.
ހަމައެއާއެކު އެ ސިޓީގައި ވަނީ ސިއްހީ ކަންކަން ރަނގަޅު ކުރުމަށް މި ގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލާނެ ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
ސަދާ ބަނޑުގައި ރިއްސާތީ އެންމެ ފުރަތަމަ ގެންދިޔައީ އެރަށުގައި ހުންނަ ފްލޫ ކްލިނިކަށެވެ. އެ ތަނަށް ދައްކައިގެން ވެސް ސަދާއަށް ލުޔެއް ނުލިބުމުން ދެން އޭނާ ފޮނުވާލީ އެ ރަށު ހޮސްޕިޓަލަށެވެ. "ދަ ޕްރެސް" އަށް ސަދާގެ މަރުގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ބުނެފައި ވަނީ، އެ ދުވަހު ހަވީރު ފުވައްމުލަކު ހޮސްޕިޓަލުން ސަދާއަށް އިންޖެކްޝަނެއް ޖެހި ކަމަށާއި އޭގެ ފަހުން ފަސް މިނެޓް ތެރޭގައި ސަދާގެ ހަރަކާތް ހުއްޓުނު ކަމަށެވެ.
ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދޭން ތިބި ފަރާތްތަކުން، ސަދާގެ ގަޔަށް އިންޖެކްޝަން ޖެހީ، އެ މައުސޫމު ކުއްޖާގެ އެލާޖިކްގެ މައުލޫމާތު ވެސް ސާފު ނުކޮށް ކަމަށް ބައްޕަ ވަނީ ބުނެފައެވެ. ސަދާގެ ހަރަކާތް ހުއްޓިގެން ތިން ފަހަރެއްގެ މަތިން، ސީޕީއާރް ވެސް ދިނެވެ.
ސަދާގެ އާއިލާއިން ދަނީ އެދުވަހު ސަދާ މަރުވީ އޭނާގެ ގަޔަށް "ނުބައި" އިންޖެކްޝަނެއް ޖެހުމުން ކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ.