ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން އަހަރު ފުރުނު އިރު މި ސަރުކާރުން ދަނީ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެތައް ފައިދާތަކެއް ލިބިގެން ދާ އިރު މިއީ ތަރައްގީގެ ކުލަތައް ރަށްރަށުގެ މަލަމަތިން ފެވެމުން އަރަމުން އަންނަ ކަމުގެ އުންމީދީ އަލިތަކެވެ.

ރައީސް ސޯލިހް ސަރުކާރާ ހަވާލުވެ ވަޑައިގެންނެވީ، ވެވަޑައިގެންނެވި ގިނަ ވައުދުފުޅުތައް ފުއްދަވާ، ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މަގު ފަހި ކޮށްދިނުމަށް އެތައް ޕްލޭންތަކެއް ކުރައްވައިގެންނެވެ. އެގޮތުން މި އަހަރު މިހާތަނަށް އައި އިރު ސަރުކާރުން ވަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ ރައީސް ވެވަޑައިގެން ވައުދުފުޅުތައް ފުއްދެވުމަށް މަސައްކަތް ފައްޓަވާފައެވެ.

ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: އެމްޑަބްލިއުއެސްސީ

އެގޮތުން ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް މިހާތަނަށް ވަނީ 118 މަޝްރޫ ހިންގުމަށް ކޮންޓްރެކްޓް ހަދައި ސޮއިކޮށްފައެވެ. ދެން ބާކީ އޮތީ 23 ރަށް ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ 23 ރަށުގެ މަސައްކަތް ފެށުމަށް އެއްބަސްވުން ހަދައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

މިހާރު ފެނާއި ނަރުދަމާގެ މަޝްރޫގެ މަސައްކަތް ކުރަން 118 ރަށެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، މިހާރު 56 ރަށެއްގައި ދަނީ މި މަޝްރޫގެ އަމަލީ މަސައްކަތް ކުރަމުންނެވެ. ބަކީ މަސައްކަތް ނުފެށޭ 62 ރަށެއް އެބަ އޮތެވެ.

އެމްޓީސީސީން ތަރައްގީ ކުރި އިސްދޫގެ ބަނދަރު -- ފޮޓޯ: އެމްޓީސީސީ

ރަށްރަށަށް ގެންނަން ބޭނުންވާ ތަރައްގީގެ ތެރޭގައި ބަނދަރު ހެދުމާއި ޖެޓީ އެޅުމަކީ ވެސް އުމްރާނީ ތަރައްގީގެ ދަށުން ހިންގާ މަޝްރޫތަކެވެ. އެ ގޮތުން މިހާތަނަށް މި ސަރުކާރުން ކޮނއޓްރެކްޓް ކޮށްފައިވާ މަޝްރޫތަކުގެ ތެރެއިން 25 ރަށެއްގެ ބަނދަރު ހެނދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި ކަމުގެ ސަބަބުން އެ ރަށްރަށަށް އަރާ ފޭބުމާއި އަދި މުދާ އުފުލުމުގައި ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް އަންނަނީ ލިބެމުންނެވެ.

ބަނދަރު ހެދުމުގެ މަޝްރޫތަކުގެ ތެރެއިން މިހާރު ހިނގަމުން ދަނީ 39 މަޝްރޫއެކެވެ. އަދި އަމަލީ މަސައްކަތް ނުފަށާ އޮތް 9 މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 65 ޕަސެންޓް ނިމިއްޖެ

ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫތަކުގެ ތެރޭގައި މި ވޭތުވެ ދިޔަ 3 އަހަރު ތެރޭ 3 ރަށެއްގެ މަޝްރޫ ވަނީ ކާމިޔާބު ކަމާ އެކީ ނިންމާލާފައެވެ. މިހާރު 11 ރަށެއްގެ މަސައްކަތް ކުރިއަށް ދާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އިތުރު 6 ރަށެއްގެ ކޮންޓްރެކްޓް ނިމި އަމަލީ މަސައްކަތް އަދި ނުފަށާ އެބައޮތެވެ.

ބިމުގެ ދަތިކަން ދިމާވާ ރަށްރަށުގައި ބިން ހިއްކައި ތަރައްގީ ގެނައުމަށް މެކުހަށް ޖަހާފައިވާ އިރު އެފަދަ 4 މަޝްރޫއެއް ވަނީ މި ސަރުކާރުން ނިންމާފައެވެ. ކޮވިޑްގެ ހާލަތު ދިމާވެ ކުރިމަތިވި އެތައް އުނދަގޫތަކަކާ އެކުގައި ވެސް މި މަޝްރޫއުތައް ނިންމާލެވުމަކީ ސަރުކާރަށް ވައުދު ފުއްދުމުގައި ދެއްކުނު ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިހާރު 5 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ކުރަމުންދާ އިރު 8 މަޝްރޫއެއްގެ އެއްބަސްވުން ވަނީ ނިމިފައެވެ.

ކ.ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ

ނިމިފަިއވާ ބިން ހިއްކުމުގެ މަޝްރޫއުތައް:

  • ގުޅީ ފަޅު: 1.8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން
  • ކ. މާފުށި: 25 ހެކްޓަރުގެ ބިން ހިއްކުން
  • ކ. ގުރައިދޫ: 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކުން
  • ރ. ދުވާފަރު: 22.2 ހެކްޓަރުގެ ބިން ހިއްކުން

މީގެ އިތުރުން ރަށްރަށުގައި ދިމާވާ އެންމެ ބޮޑު އެއް ދަތި ކަމަކީ ވިއްސާރަވުމުން ރަށްރަށުގައި ފެންބޮޑުވާ މައްސަލައާއި މަގުތައް ނުހަދާ އޮތުމުގެ ސަބަބުން ދިމާވާ ދަތިތަކެވެ. މި ކަން ހައްލުކޮށް ދިނުމަށް ސަރުކާރުން ވަނީ މި ވޭތުވެ ދިޔަ 3 އަހަރު ތެރޭ 4 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފުރިހަމަ ކޮށްފައެވެ. އަދި މިހާރު ވެސް 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި 9 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓް ހަދާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރ. އުނގޫފާރުގެ މަގުހެދުމުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އެމްޓީސީސީ

އުމްރާނީ ތަރައްގީގެ ކުލަތައް ފެންނަމުންދާ ރަށްރަށަށް ބަލާއިރު މި ނޫން ދާއިރާތަކުން ވެސް ސަރުކާރުން ވަނީ ރަށްރަށަށް އުމްރާނީ ތަރައްގީ ގެނައުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން 405 ރަށެއްގައި ކަރަންޓްގެ ހިދުމަތް އަޕްގްރޭޑް ކޮފައި ވާއިރު، 47 ރަށެއްގައި ވަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭނެ ނިޒާމް ގާއިމް ކޮށްފައެވެ. އަދި ކުނި މެނޭޖް ކުރުމުގެ ދަތިތައް ހުރި 24 ރަށެއްގައި އެ ނިޒާމް ވެސް ވަނީ ގާއިމް ކޮށްފައެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއާ ގުޅުން ހުރި 13 ޕްރޮޖެކްޓަކާއި ތައުލީމީ ދާއިރާގެ 24 ޕްރޮޖެކްޓެއްގެ އިތުރުން މިސްކިތްތަކުގެ 6 ޕަރޮޖެކްޓެއްގެ މަސައްކަތް މި ވޭތުވެ ދިޔަ 3 އަހަރު ތެރޭ ވަނީ ނިންމާފައެވެ.

3 އަހަރުތެރޭ ގިނަ މަޝްރޫތަކެއް ނިންމައި އަދި ގިނަ މަޝޜުތަކެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު ކުރިއަށް އޮތް ދެ އަހަރުތެރޭ ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމުގެ ފޮނި އުންމީދު އެބަ އޮތް ކަމަށް ސަރުކާރުން ދެކެވެ. ގައުމަށް ގެންނަ މިފަދަ ތަރައްގީތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ލުއި ފަސޭހަ އަކީ މި ސަރުކާރު ވެރިކަމަށް އައި އިރު ވީ ވައުދުގެ ތެރެއިން އެއް ކަމެވެ. ޖަޒީރާ ވަންތަ ރާއްޖެއެއް ގާއިމްކޮށް ދިވެހިންގެ ދިރިއުޅުން ތަނަވަސް ވެގެން ދިއުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ.