ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފްއޭއެމުން ބޭއްވި ޗެރިޓީ މެޗުން ލިބުނު ފައިސާގެ ތެރެއިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން ހާމަވެއްޖެއެވެ.

މިދިޔަ އޮގަސްޓު 24 ގައި މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ރިޕޯޓުގައި، އެ ފައިސާ އިން ހަރަދުކުރި ކަމާއި އެ ފައިސާއިން ހަރަދުކުރި ގޮތް ސާފުނުވާކަން ވަނީ ހާމަވެފައެވެ.

2017 ސެޕްޓެމްބަރު 29 ގައި ބޭއްވި ޗެރިޓީ މެޗުގައި ބައިވެރިވި ބައެއް ކުޅުންތެރިންގެ ޖޯޒީ އާއި ބޫޓުގެ އިތުރުން މެޗު ބޯޅަ ސްޕޮންސަރުކޮށްގެން ހޯދި އެ ފައިސާގެ ތެރެއިން ބައެއް ލިބިފައިނުވާ ކަމަށާއި، އެ ފައިސާއިން 377،693ރ. ހަރަަދުކޮށްފައި ވާއިރު، އެ ފައިސާ ހަރަދުކުރި ގޮތް އެނގެން ނެތް ކަމަށް އޭސީސީން ކުރި ތަހުގީގު ރިޕޯޓުން ފާހަގަ ކުރެވިފައި ވެއެވެ.

މި މައްސަލާގައި މާލިއްޔަތު ކޮމިޓީން މަޝްވަރާކޮށްފައި ވަނީ ނުރަސްމީކޮށެވެ.

އެ ފައިސާ އަނބުރާ ހޯދަން އޭސީސީން ޔޫތު މިނިސްޓްރީއަށް އަންގާފައި ވާއިރު، ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ އެ ފައިސާ ހޯދަން ޔޫތު މިނިސްޓްރީން ކުރި މަސައްކަތްތައް ބެލުމަށާއި މައްސަލަ ފައިލް ކުރުމަށެވެ.

މި މައްސަލައިގެ އިތުރުން، ރޮހިންޔާ މުސްލިމުންނަށް އެހީވާން އޭރު އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުނުކޮށް ގިނަ ދުވަސްތަކެއްވީ މައްސަލައެއް މީޑިއާއިން ރިޕޯޓުކުރުމާ ގުޅިގެން، އެ ފައިސާ އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހަވާލު ކޮށްފައި ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ ބަހެއް އަދި ނުލިބެއެވެ.