ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'އަހަރެންގެ ބޭންކް' ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ، ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީ ކޮށްފައި ވާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މިއަހަރުގެ ހަތަރު ވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާހުރި ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްއާ ގުޅޭ ލިޔެކިއުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ ނޮވެމްބަރު 30، 2021 ގެ ރޭގަނޑު 11.59 ކަމަށެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 55 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.