ފައިސާ ޗާޕްކުރަން އިތުރު 1 އަހަރު ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕް ކުރުމަށް މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބަޖެޓް ބޮޑުކޮށްފައި އޮއްވާ ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކުރަން ހުށަހެޅުމުން ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށެވެ.

"އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތަސް އަޅުގަނޑު ދަންނަވާނީ މިހުއްދަ އަނެއްކާވެސް އެއްއަހަރަށް ދިނުން އެއީ ކުރަން އެއްގޮތަކަށްވެސް ހެޔޮވާ ވަރުކަމެއް ނޫނެ"
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

އާދަމް ޝަރީފްގެ ވާހަކައިގައި ވަނީ ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ވާނެ ބައެއް ގެއްލުންތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެކަން ކޮށްފިނަމަ ޑޮލަރުގެ އަގު އިތުރަށް މަތިވެ، ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އިގްތިސޯދު މިހާރު ރަނގަޅުވަމުން އަންނައިރު މިކަން ކުރަން ޖެހޭ ސަަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެއީ "ކުރަން ހެޔޮ ވާނެ ވަރުގެ ކަމެއް ނޫން" ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މި ހާލަތުގައި ބަޖެޓު މެނޭޖު ކުރަން ދަތިވާނަމަ، ސިޔާސީ މީހުން މަދުކޮށް، ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަ ކުރަން ޖެހޭ ކަމަށާއި މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަން ޖެހޭ ކަމަށެވެ.

ފައިސާ ޗާޕުކުރަން ދީފައިވާ މުއްދަތު އިތުރުކުރުމާ ދެކޮޅަށް ވާހަކަދައްކަވާ، އާދަމް ޝަރީފް ވަނީ އެކަން ފާސްނުކުރުމަށް މެންބަރުންނަށް ގޮވައިލައްވާފައެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ މައްޗަށް ގޮސްފައި ވާއިރު ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ވެސް އަންނަނީ ބުނަމުންނެވެ.

ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން މަޖިލީހުން އޮތީ ހުއްދަ ދީފައެވެ. އެންމެ ފުރަތަމަ ޕީބީއޭ އޯވާޑްރޯ ކުރަން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އެއް އަހަރަށް ދިން އެ މުއްދަތު ހަމަވުމުން މި އަހަރުގެ އޭޕްރީލް އިން ފެށިގެން އިތުރު އެއް އަހަރަށް އެ ހުއްދަ ދަންމާލަން އެދުމުން މަޖިލީހުން ވަނީ އެކަން ކޮށްދީފައެވެ.