ހިޔާ ޓަވަރުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އިތުރުވާ މައްސަލައާއި އެ ތަނުގައި މަސްތުގެ ހާލުގައި ތިބޭ މީހުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ނަމަވެސް އެޅީ ކޮން ފިޔަވަޅެއް ކަން ސާފުކޮށެއް ނުދެއެވެ.

ދުވަހު ނޫހެއް ކަމަށް ވާ "މީހާރު" ނޫހުން ވަނީ ހިޔާ ފްލެޓްތަކުގެ ޓަވަރުގެ އެންމެ މަތީ ފްލޯތަކުގެ ސިޑިއާއި ޓެރެސްގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުންނާއި އެތަނުގައި މަސްތުގެ ހާލުގައި ތިބެ ނިދާ މީހުންގެ ފޮޓޯތަކެއް ޖަހާފައެވެ. ފުލުހުންގެ ޔުނިފޯމްގައި ތިބޭ ބަޔަކުވެސް އެ ފޮޓޯތަކުން ފެންނަ އިރު ޓަވަރުތަކުގެ 24 ވަނަ ފްލޯއިން ޓެރަސް އަށް އަރާ ސިޑި މަތިންް މަސްތުވުމަށް ބޭނުންކުރާ ގިނަ ސާމާނާއި މަސްތުގެ ހާލުގައި މީހުން ތިބޭތަން ފެންނަން ހުރެއެވެ. އަދި ހިޔާ ފްލެޓެއްގެ ޓެރަސް ސިޑިމަތީގައި މަސްތުވެގެން ތިބި ބަޔަކާ ފުލުހުން ސުވާލުކުރާ ތަން ވެސް ފޮޓޯތަކުން ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ފާއިތުވި ހަފްތާ ތެރޭގައި ހިޔާ ޓަވަރު ހުންނަ ސަރަހައްދުގައި މަސްތުވާތަކެތި ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައި ނުވާ ކަމަށެވެ. އަދި އެއްވެސް މީހަކުވެސް މި ވޭތުވެ ދިޔަ ހަފްތާއެއް ހާ ދުވަހު އެ ސަރަހައްދުން މަސްތުވެގެން ހުއްޓާ ހައްޔަރުވެސް ކޮށްފައި ނުވާ ކަމަށެވެ.

ހިޔާ ޓަވަރުގެ ސިޑި މަތީގައި މަސްތުވާތަކެތު ބޭނުން ކުރަން ބޭނުންވާ ބައެއް ސާމާނުތައް އަތުރާފައި ހުއްޓާ / ފޮޓޯ: މިހާރު

ހިޔާ ފްލެޓްގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުން ކުރަމުންދާ މައްސަލައާ ގުޅިގެން އިތުރަށް ފުލުހުން ބުނީ، ހިޔާ ފްލެޓްގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ މައްސަލަތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އައި އެފަދަ ޝަކުވާއެއް ލިބިއްޖެ ނަމަ ފުލުހުން އެތަނަށް އެޓެންޑް ވާ ކަމަށާއި، އެކަންކަން ބަލައި ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ހިޔާގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލައާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރަމުން ދާ ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން އެޓެންޑްވި ފޮޓޯތަކުން ފެންނަ ސީން އާ ގުޅިގެން އެޅީ ކޮން ފިޔަވަޅެއްތޯ ތަކުރާރުކޮށް އެހުމުންވެސް ޖަވާވެއް ނުދިނެވެ.

ހިޔާ ފްލެޓްގެ ޓަވަރުގައި މީހުން އާބާދުވާން ފެށިތާ މިއަދާ ހަމައަށް ގާތްގަނޑަކަށް ތިން މަސް ވެފައިވާ އިރު އެ ޓަވަރުތަކުގެ އެންމެ މަތީ ފްލޯތަކުގައި މަސްތުވާން ތިބޭ ޒުވާނުން ވަނީ އެތަން ވަރަށް ބޮޑަށް ހަޑި މުޑުދާރުކޮށްފައެވެ. މަސްތުވުމަށް ބޭނުންކުރާ ސާމާނުތަކާއި ކުނި ބުނި ސިޑިމައްޗަށާއި އެއްކޮށް އަޅާފައިވާ އިރު އެތަނުގެ ސިޑިމަތީގައި ކުޑަކަމުގޮސް، ބޮޑުކަމުގޮސްފައި ހުރި ކަމަށާއި ބައެއް ތަންތަނަށް ހޮޑުލާފައި ހުރުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ހިޔާ ޓަވަރުގެ ސިޑި މަތީގައި ނަޖިސް / ފޮޓޯ: މިހާރު

ހިޔާ ޓަވަރުގައި ދިރިއުލޭ މީހަކު މައުލޫމާތު ދެމުން ބުނީ، މަސްތުވާން އެތަނަށް ދާ ޒުވާނުންގެ އުނދަގޫ ވަރަށް ބޮޑު ކަމަށާއި އެތަނަކީ އެމީހުން ދިރިއުޅޭ އައްޑާއެއް ކަމަށެވެ. އެ ފަދަ ޒުވާނުން އެސަރަހައްދުގައި ގިނަވެގެން ދިއުމަކީ ގޭންގްތައް އެ ސަރަހައްދުގައި ހެދި ބޮޑުވަމުން އަންނަ ފުރާވަރުގެ ކުދިން ވެސް، އެމީހުންގެ ބަހަށް ހެއްލި އެ މަގަށް ލެނބިގެން ދިއުން ގާތް ކަމެއް ކަމަށް އެ މީހާ ބުނެއެވެ.

ފުލުހުންނަށް ތަކުރާރުކޮށް މައްސަލަ ހުށަހެޅުމުން ވެސް އެކަމަށް އެކަށީގެންވާ ހައްލެއް އަދިވެސް ނުލިބޭ ކަމަށާއި އެތަނުގައި ތިބޭ އެފަދަ ޒުވާނުން ފުލުހުން އައިސް ފައްސާލިއަސް އަނެއްކާ ވެސް އެމީހުން އެތަނަށް އައިސް ތިބޭ ކަން ފުލުހުންނަށް ވެސް އެނގޭނެ އެމީހާ ބުނެއެވެ.

ރާއްޖޭގައި ޑްރަގްގެ މައްސަލަތައް ހައްލު ކުރުމަށާއި އެފަދަ ޒުވާނުން ބޭނުންތެރި ބައަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަބަަދުވެސް ބުނެއެވެ. ޑްރަގްގެ ނެޓްވޯކް ހުއްޓުވުމަށް ފުލުހުން ވެސް ދޭތެރެ ދޭތެރެއިން އެކި އޮޕަރޭޝަންތައް ހިންގާ މަސްތުވާތަކެތި އަތުލުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

މިސްކިތްތަކުގައި ޒުވާނުން ނިދާފައި

ނަމަވެސް މުޖުތަމައުގައި އެހެންމީހުންނަށް އުނދަގޫވާ ޒާތަށް އުޅޭ މިފަދަ މީހުންނާ މެދު ފިޔަވަޅު ނޭޅުމަކީ އެމަގަށް ހެއްލިގެން ދާ އެތައް ބަޔަކަށް ލިބިގެން ދާނެ ހިއްވަރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހިޔާ ޓަވަރުގައި މަސްތުގެ ހާލުގައި ޒުވާނުންތަކެއް ތިބޭ މަންޒަރު މިއަދު ފެންނަ އިރު މީގެ ކުރިން މާލޭގެ ބައެއް މިސްކިތްތަކުގައި ވެސް ޒުވާނުން މަސްތުވާތަކެތި ބޭނުން ކޮށް އެތަނުގައި ނިދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ހަމައެއާއެކު މާރުކޭޓް ގޮޅިތަކާއި ކާނިވާ ސަަރަހައްދު އަދި އެކި ފިނި މައިޒާންތަކުގައި ވެސް މިފަދަ ޒުވާނުން އުޅޭ އިރު ކަމާބެހޭ އިދާރާތަކަށް މައްސަލަ ހައްލު ނުކުރެވި ނުވަތަ ކުރަން ނޫޅުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.