ރ. މީދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ގިނަ ދުވަސްވަމުން ދާތީ އެރަށު ޒުވާނުން ނުކުމެ އެ ދަނޑުގައި 15 ގަސް މިރުސް އިންދައިފިއެވެ.
މީދޫގައި ޓާފް ދަނޑެއް އެޅުމަށް ސަބްބޭސްގެ މަސައްކަތް މިދިޔަ 2020 ވަނަ އަހަރުގެ މާޗް މަސް ތެރޭ ސަރުކާރުން ހަވާލުކުރީ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. 50 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަސައްކަތް އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އޭގެ ފަހުން އެއް އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މި މަސައްކަތް ވަނީ ނުނިމިފައެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ރ. މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ ޒުވާނުން އިއްޔެ އިހުތިޖާޖަށް ނުކުމެފައި ވަނީ އެ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާތީއާއި އެ މަސައްކަތް ނިމުމުގެ ކޮޅުމަތިވެސް ފެންނަން ނެތުމުން ކަމަށެވެ.
ހަސަން ޝަރީފް ވިދާޅުވީ މަސައްކަތް ނުނިމި ލަސްވަނީ ދަނޑަށް އަޅާނެ ވެލި ނުލިބިގެން ކަމަށް އާރްޑީސީ އިން ބުނަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެ މަސައްކަތް ފެށުމުގެ ކުރިން ޔޫތް މިނިސްޓްރީ އާއި އާރްޑީސީ ގެ ޓީމެއް ގޮސް ސާވޭ ހެދިިއިރު ދަނޑަށް ބޭނުންވާ ވަރަށް ވެލި ރަށުން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާކަން ފާހަގަ ކުރައްވަމުން ހަސަން ޝަރީފް ވިދާޅުވީ އާރްޑީސީން އަބަދުވެސް ބުނަމުން އަންނަނީ މިއަންނަ މަހު ނޫނީ މިއަންނަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ. އެހެންނަމަވެސް އެ ދަނޑުގެ މަސައްކަތް ނިމޭތަން ނުފެންނަ ކަމަށާއި މިހާރު މަސައްކަތް ކުރުމަށް ބޭނުން ކުރާ 2 ވެހިކަލް ފިޔަވާ ހުރިހާ ވެހިކަލެއް ވަނީ ރަށުން ގެންގޮސްފައި ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ހަސަން ޝަރީފް ވިދާޅުވީ އާރްޑީސީން ދަނޑުގެ ކާނުތައް ނަގާ ދަނޑު ތިރި ކުރުމަށް ވިސްނަވާ ކަމަށެވެ.
"ދަ ޕްރެސް" އާ ވާހަކަދައްކަމުން އިއްޔެގެ އިވެންޓް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުލްބާސިތު ބުނީ އެ ނޫނަސް ފުޓުބޯޅަ ކުޅޭނެ ބޮޑު ދަނޑެއް އެ ރަށުގައި އޮތް ކަމަށެވެ. އެހެންނަމަވެސް އެ ދަނޑަކީ މިން ހަމަނުވާ ދަނޑަކަށް ވުމުން މުބާރާތްތައް ބޭއްވުން ވަނީ އެއްކޮން ހުއްޓުމަކަށް އައިސްފާ ކަމަށެވެ. އަދި ޓާފް ދަނޑު މީދޫގެ ޒުވާނުންގެ އުންމީދާ ގުޅިފައި ވާއިރު 50 ދުވަހުގެ މަސައްކަތެއް އަހަރު ދުވަސް ވެގެން ދިޔައިރު ނުނިމުމަކީ އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ބާސިތު ބުނީ އެ މަސައްކަތް ފެށިއިރު ވަރަށް ބާރަށް ކުރިއަށް ދިޔަ ކަމަށާއި، އެގޮތުން ޓޭންކް ހަރުކޮށް، ވޯކްވޭ ހަދާ، ގާ އެތުރި ކަމަށެވެ. އަދި ވެލި ނުލިބޭ ކަމަށް ބުނެ މިހާރު މަސައްކަތް ދިގުދަންމަމުން އައި ނަމަވެސް ކޮންމެ އިންތިހާބަކާ ގާތްކޮށް ވެލި ލޯޑެއް ގެންނަ ކަމަށް ވެސް ބާސިތު ބުންޏެވެ.
މިހާރު ދަނޑުގެ މަސައްކަތް ހުއްޓި، ގިނަ ދުވަސްތަކެއް ވެފައި ވާއިރު ދަނޑުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ލޯޑަރާއި އެސްކަވޭޓަރުވެސް ރަށުން ބާލާފައިވާ ކަމަށާއި، މިހާރު އޮތީ ހަލާކުވެފައި އޮތް ޓްރެކްޓަރަކާއި ކޮންސްޓްރަކްޝަން ރޯލާއެއް ކަމަށް ބާސިތު ބުންޏެވެ.
ޓާފް އެޅުމަށް ހަވާލުކޮށްފައިވާ ފަރާތުން މިހާރު ޓާފާއި ރަބަރު ގެނެސްފައި ވާއިރު ސަބް ބޭސްގެ މަސައްކަތް ނުނިމޭތީ އެ މަސައްކަތް އަންނަނީ ނުފެށި ލަސްވަމުންނެވެ.
ކޮންމެވެސް ބޭނުމެއް ކުރެވެން ވާނެ ކަމަށް ބުނެ އެ ރަށުގެ ޒުވާނުން އިއްޔެ އެ ދަނޑުގައި މިރުސް އިންދާފައި ވާއިރު ބާސިތު ބުނީ، ދަނޑުގެ މަސައްކަތް އިތުރަށް ލަސްވަމުން ދާ ވަރަކަށް އެތާގައި ފަސޭހައިން ހެދޭނެ ކަހަލަ ފަޅޯ، ދޮންކެޔޮ އަދިވެސް އެނޫނަސް އެކި ބާވަތްތައް އިންދާނެ ކަމަށެވެ.
އިއްޔެގެ އިހުތިޖާޖުގައި އާރްޑީސީ އިން މަސައްކަތް ނިންމުމުގައި ގިނަ ދުވަސްތަކެއް ހޭދަވަމުން ދާތީ އެކަން އަވަސް ކުރުމަށް ވަނީ ގޮވާލާފައެވެ. އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކު (މޫކޭ)، އެ ދާއިރާގެ އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޒުވާނުންގެ އަޑު އެއްސެވުމަށް ވެސް އެމީހުން ވަނީ ގޮވާލާފައެވެ. އަދި ސަބްބޭސްއަށް ބޭނުންވާ ވެލި މި ރާއްޖެއިން ނުލިބުން ވަނީ ޖޯކަކަށް ކަމަށާއި އަދި އާރްޑީސީން މިހާރު ވިސްނުން ގެންގުޅެނީ ދަނޑުގެ ކާނުތައް ނަގާ ދަނޑު ތިރި ކުރުމަށް ކަމަށް ވާތީ އެއީ ޒުވާނުން ބޭނުންވާ ގޮތް ނޫން ކަމަށާއި އެ ވިސްނުން ދޫކޮށްލުމަށް ވެސް އެއްވުމުގައި ބައިވެރިވި ޒުވާނުން ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅިގެން ޔޫތް މިނިސްޓްރީ އާއި އާރްޑީސީގެ ފަރާތުން ބަހެއް ހޯދަން "ދަ ޕްރެސް" އިން ކުރިމަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ބަލަ ތިޔަހަރީ މިރުސް އިންދިފަ، ހަލާކުވެފަ ހުރި ގަސްތަކެއް އެވެސް. ނިކަން ގޮއި ދައްކަން އުޅޭނެ. ނޫހަށް އަރަން. ދެން ތިޔަ ދަނޑު ގަނޑު ތިޔަ ހެދުނީ، ހޮސްޕިޓާވެސް ތިޔަ އެޅުނީ، ހަނދާން ނައްތާލާ. ހަކުރު އަާދަނު ކޮށްދޭނެ ހުރިހާކަމެއް
މޫކޭ އިސްތިއުފާ ދީފަ މީދޫ ދެބޯގެރިން ބުނެގެން މަޑުއްވަރީ ހަކުރު އާދަނަށް ގޮނޑި ދީ އަވަހަށް. ޢޭރުން އެވެރިން ބޯނެ ހަކުރު ކޮޅެއް ލިބޭނީ. މިރުސްވެސް އިންދާ ހައްދަން ނުކެރޭނެ، ދެން ހެޑްލައިނެއް ހަކުރު ޢާދަނަށް ޖަހާދޭން ކުރި ކަމެއް. ޢޮތް ދަނޑުގަނޑުވެސް ސާފުކޮށްލަން ނުކެރޭ ރަނޑުން އުޅޭ ރަށެއް ތި މީދޫ ތީ. ހުސް އަންހެން ދުޅާ ފިރިހެނުން އުޅޭނީ
މަށަށް ފެންނަނީ ތި ބިން ދަނޑުވެރިކަން ކުރަން މީދޫ ޒުވާނުންނަށް ދޭން.