ފުލުހުންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ކުރިން އޮތީ މާދަމާގެ ހަވީރު 4:00 ގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް، ފުލުހުން ވަނީ މިއަދު އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް
- ޖީސީއީ އޯލެވެލް އާއި އެސްއެސްސީ ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން، ނުވަތަ ސާނަވީ އިމްތިހާނުތަކުން ދަށްވެގެން ތިން މާއްދާއިން ސީ ފާސް ލިބިފައިވުމާއެކު އެމްކިއުއޭ ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައި ވުން، ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި ވުން، ނުވަތަ ފުލުހުންނާ ގުޅޭ ދާއިރާއަކުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި މި ޝަރުތުގައި ހިމެނޭ ފަރާތެއް ނަމަ އިސްކޮޅު ހަމަވުން (ފިރިހެން 5 ފޫޓު 3 އިންޗި އަދި އަންހެން 5 ފޫޓު)
- ޖީސީއީ އޯލެވެލްގެ ހަތަރު މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެއްސާއި އިސްލާމް ނުހިމެނޭހެން އޭ ލެވެލްގެ ދެ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން، އަދި މި ޝަރުތުގައި ހިމެނޭ ފަރާތެއް ނަމަ އިސްކޮޅު ހަމަވުން (ފިރިހެން 5 ފޫޓު 1 އިންޗި އަދި އަންހެން 4 ފޫޓު 8 އިންޗި)
- ސާނަވީ ތައުލީމް ފުރިހަމަ ކުރުމާއެކު ފުލުހުންނަށް ރެކްރޫޓްކުރުމުުގައި ހަދާ ފިޒިކަލް ޓެސްޓުން ފާސްވުމަށް ކަނޑައެޅިފައިވާ މިންގަނޑުން ސިލްވާ ލެވަލްގައި ފާސްވާ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އިސްކޮޅަށްވުރެ ކުރުނޫން ފަރާތަކަށްވުން (ފިރިހެން 5 ފޫޓު 8 އިންޗި އަދި އަންހެން 5 ފޫޓު 3 އިންޗި)
- މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން
- ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއް ކަމަށްވުން
ފުލުހުން ބުނީ ވަޒީފާއަށް ހޮވުމުގައި ތައުލީމީ ގޮތުން ހާސިލްކޮށްފައިވާ ސަނަދުތަކަށާއި، މީހުން ހޮވުމުގައި ކުރިއަށް ގެންދާ އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށާއި، ފުލުހުންގެ ހިދުމަތް ފުޅާކޮށް، އިންސާނީ ވަސީލަތްތައް ބޭނުންވާ ސަރަހައްދުތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
- ފުރިހަމަކޮށްފައިވާ ފޯމް
- އައިޑީ ކާޑުގެ ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ
- ލިބިފައިވާ ހުނަރުތަކުގެ ކޮޕީ
- ތިން މަސް ހަމަނުވާ ޕާސްޕޯޓް ސައިޒްގެ ދެ ފޮޓޯއާއި އިސްކޮޅު ފޮޓޯ
- ވަޒީފާ އަދާކުރި، ނުވަތަ ކުރަމުންދާ ކަމަށްވާނަމަ، ލިއުން
- ލައިސަންސް އޮތް ފަރާތްތަކުން ލައިސަންސްގެ ކޮޕީއެއް
ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުލުހުންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.