އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލް ކޮށްފިއެވެ.

އެލައިޑުން ބުނީ، މިމަހު 10 ވަނަ ދުވަހު ބޭއްވި އިފްސާ އެވޯޑު ހަފުލާގައި، އަޔާދީ ތަކާފުލް އިން ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ ކެޓަގަރީ އިން ގޯލްޑް އެވޯޑް ހާސިލްކޮށްފައި ވާ ކަމަށެވެ.

ސްރީލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތް ދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިިވި އީޖާދީ ވިސްނުން ތައާރަފު ކުރާ ފަރާތްތަކުގެ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެއް ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލް އިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު އުފުލާލާފައި ކަމަށެވެ.

އެގޮތުން 2017 ވަނަ އަހަރު ހައްޖު އަދި އުމްރާ ތަކާފުލް އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އާއި ހިދުމަތުގެ އަގުވަޒަންކޮށް އެއަހަރު ލިބިފައިވާ ސިލްވާ އެވޯޑު އަދި 2018، 2019، އަދި 2020 ވަނަ އަހަރު ތަކާފުލް ވިންޑޯ ނުވަަތަ ޔުނިޓް އޮފް ދަ އިޔާއިން ލިބިފައިވާ ގޯލްޑް އެވޯޑު ފާހަގަކޮށްލޭ ކަމަށް އެލައިޑުން ބުނެއެވެ.