ތައުލީމީ އުމުރުގައި ޒުވާނުންނަށް ރަނގަޅު މަގު ދައްކުވައިދެވިއްޖެ ނަމަ، ޒުވާނުންނަކީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދޭނެ ބައެއްގެ ގޮތުގައި ހެދި ދާނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ޔޫތު މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޭޔަރު ނިޒާރު ވިދާޅުވީ ޒުވާނުން ރަނގަޅު ކަންތައްތަކަށް އަދި ނުރަނގަޅު ކަންތައްތަކަށް ދާ އުމުރަކީ ސްކޫލް ނިންމާ ޒުވާނުން މުޖުތަމައު އަށް ނުކުންނަ އުމުރު ކަމަށެވެ.
އެހެންކަމުން، އެ އުމުރުގައި ޒުވާނުންނަށް ރަނގަޅު މަގު ދައްކުވައިދެވިއްޖެ ނަމަ ޒުވާނުންނަކީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެވޭނެ ޒުވާނުންތަކަކަށް ހެދި ދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިންތިޒާމް ކޮށްގެން މުއައްސަސާތަކުން ހިންގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަންވެސް ނިޒާރު ފާހަގަކުރެއްވިއެވެ.
އައްޑޫގައި އިފްތިތާހު ކުރި ލާމަސީލު ޒުވާނާ ކޭމްޕަކީ، ޒުވާނުންނަކީ ޒިންމާދާރު، ގައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލުގައި އަހުލާގު ދަމަހައްޓާ ނަމޫނާ ބަޔަކަށް ހެދުމުގެ މަސައްކަތުގައި ޔޫތު މިނިސްޓްރީ އާ ގުޅިގެން ހިންގާ ކޭމްޕެއް ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މި ކޭމްޕުގައި ލީޑަޝިޕާއި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން ފަދަ ހަރަކާތްތައް ބައިވެރިންނަށް ހިންގައި މުހިންމު މައުލޫމާތުތައް ފޯރުކޮށްދެވިގެން ދާނެ ކަމަށް ފުލުހުން ބުނެއެވެ.
މި ކޭމްޕާ ގުޅޭ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ. ފުލުހުންގެ ފަރާތުން އައްޑޫ ސިޓީގެ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު އާތިފް ސޮއިކުރެއްވި އިރު، ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.
މީގެ ކުރިންވެސް ރަށްރަށުގައި ތިބޭ ޒުވާނުންނަށް އަމާޒުކޮށް، ފުލުހުން ވަނީ ބްލޫސް ފޯ ޔޫތުގެ ނަމުގައި ކޭމްޕްތައް ހިންގާފައެވެ.