ސްރީލަންކާގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އާ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ލަންކާގެ ސަރުކާރުން، ކޮވިޑުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައި ވާއިރު މިކަމާ ގުޅިގެން އިތުރު ތަފްސީލު ހާމަ ކޮށްފައެއް ނުވެއެވެ. އާ ފިޔަވަޅުތައް ބުނާ ގޮތުން އާންމު އެއްވުންތަކުގައި ބައިވެރިވެވޭ މީހުންގެ އަދަދު މަދު ކުރުމަށް ވަނީ އަންގާފައެވެ.

އެގައުމުގެ ސަރުކާރުން މިކަމާ ގުޅިގެން ނެރެފައިވާ އަމުރުގައި ބުނީ އާންމު އެއްވުންތަކާއި، ޖަލްސާތަކުގައި މީހުން އެއްވާ މިންވަރު ކަނޑައެޅުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށެވެ. މި އަމުރު ނެރެފައިވީ ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަމަލުކުރާނެ ވަކި އުސޫލެއް އާންމު ކޮށްފައެއް ނުވެއެވެ.

އާ ފިޔަޅު އިއުލާނު ކޮށްފައި ވާއިރު ސަރުކާރާ އިދިކޮޅު ޕާޓީން އަންނަނީ މުޒާހާރާއެއް ބޭއްވުމަށް ރާވަމުންނެވެ. މި ފިޔަވަޅުތަކާއެކު އިދިކޮޅު ފަރާތްތަކުގެ އެއްވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމާމެދު ސަރުކާރުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި ނިންމުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުގެ މި ކުއްލި ނިންމުމަކީ އިދިކޮޅު ޔުނައިޓެޑް ޕީޕަލްސް ފްރަންޓް އިން މާދަމާ ކުރަން ނިންމާފައިވާ މުޒާހަރާއަށް ހުރަސްއެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ކޮލަމްބޯގައި ކުރަން ނިންމާފައިވާ މި މުޒާހަރާގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް އިދިކޮޅުން ލަފާކޮށްފައިވެއެވެ.

ނަމަވެސް ހެލްތު ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް އަސޭލާ ހެރަތު ވިދާޅުވެފައި ވަނީ މި ފިޔަވަޅުތަކަކީ ކޮވިޑުން ރައްކާތެރިވުމުގެ އިތުރުން ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި މިއީ ސިޔާސީ މަންފާއެއް ހޯދުމަށް ނިންމި ނިންމުމެއް ނޫނެވެ.