ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޝަރަފުވެރި ކަމުގެ އިނާމު ހާސިލް ކުރެއްވި ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ އަހްމަދު (ދަނބުވިލާގެ ހއ. ހޯރަފުށި) ވަނީ 39 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައެވެ.

އަލީ އަހްމަދު އެންމެ ފުރަތަމަ ސަރުކާރު ވަޒީފައަކާ ގުޅިވަޑައިގަތީ ނޮވެމްބަރު 5، 1982 ގައި ސެންޓްރަލް ހޮސްޕިޓަލްގެ ފިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން އެތަނުގެ 2 ނަންބަރު ކާތިބުކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއެވެ.

އެންއެސްއެސްގެ ޕްރައިވެޓެއްގެ ގޮތުގައި އޭނާ ސިފައިންގޭގައި މަސައްކަތް ކުރައްވަން ފެށްޓެވީ މޭ 6، 1986 ގައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ ސެކްޝަންގައެވެ. އެގޮތުން އަލީ އަހްމަދު ވަނީ އެންއެސްއެސްގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާޖަންޓް ކަމާއި، ސްޓާފް ސާޖަންޓް ރޭންކްގައި މަސައްކަތް ކުރައްވާފައެވެ.

ސެޕްޓެންބަރު 1، 2004 ގައި މޯލްޑިވްސް ޕޮލިސް ސާވިސް އުފެދުނު ފަހުން އެ ސާވިސްއަށް އަލީ އަހްމަދު ބަދަލުވެވަޑައިގަތެވެ. އޭރުވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ތަހުގީގީ ދާއިރާގައެވެ. މިހާރު އޭނާ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަނީ ޔުނީފޯމް އެންޑް އެކްސެސަރީސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑްގެ ގޮތުގައެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ އަޙްމަދު މަސައްކަތުގައި / ފޮޓޯ: ޕޮލިސް ލައިފް

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ އަހްމަދަށް ނޮވެންބަރު ތިންވަނަ ދުވަހަކީ ވެސް ވަރަށް ހާއްސަ ދުވަހެއްގެ ގޮތުގައި ސިފަކުރައްވައެވެ. އެ ދުވަހު ފުލުސް އޮފީސް ފޫއަޅުވާލާފައި ވަން ވަޒަނެއް އޭނާގެ ބޮލަށް އަރައި ޝާހީދު ނުވީ ހަމަ ކިރިޔާ ކަމަށް ވިދާޅުވެއެވެ. އެ ދުވަހުގެ އެ ބިރުވެރި ހަނދާންތައް މިހާރު ވެސް އަލީ އަހްމަދަށް އިއްޔެ ވީ ކަމެއްހެން ސިފަކުރެއްވޭ ކަމަށް އޭނާ ވިދާޅުވެއެވެ.

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ހަމަލާ އެންމެ ގާތުން ދެކެވަޑައިގަތް އެކަކަށް އަލީ އަހްމަދު ވާނެއެވެ. އެ ދުވަހު އޭނާގެ ލޯމަތިން އެތައް އެކުވެރިންތަކެއް ޝަހީދުވެގެން ދިޔަ މަންޒަރު އޭނާއަށް ފެނިވަޑައިގަތް ކަމަށް ވުދާޅުވެއެވެ. ތިނެއް ނޮވެންބަރުގެ އުދުވާނަކީ މި ގައުމަށް ޣައްދާރުވި، އަމިއްލަ އެދުމުން ފޯވެފައި ތިބި ހާއިނުންތަކެއް ހިންގި ރަހުމު ކުޑަ އިންސާނިއްޔަތާ ހިލާފު އަމަލެއްގެ ގޮތުގައި އަލީ އަހްމަދު ސިފަކުރައްވައެވެ.

އަލީ އަހުމަދު ސިފައިންގޭގައި މަސައްކަތް ކުރެއްވި އިރު

ގައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި ގައުމުގެ އެއްބައިވަންތަކަން އިސްކޮށް ގުޅިގެން މަސައްކަތް ކުރުމާއި ގައުމު ހިމާޔަތް ކުރުމަކީ މިއަދުގެ ޒުވާނުންނަށް އަލީ އަހްމަދު ދެއްވަން ބޭނުންވާ ހާއްސަ މެސެޖެކެވެ.

އަލީ އަހްމަދު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ފަހުން އަދާ ކުރެއްވި މަގާމްތައް:

  • މޯލްޑިވްސް ޕޮލިސް ސާވިސްގައި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު
  • ޗީފް ސްޓޭޝަން އިންސްޕެކްޓަރު
  • ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް
  • އިންސްޕެކްޓަރު އޮފް ޕޮލިސް
  • އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް
  • ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް
  • އިންޓާނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސީނިއާ އިންވެސްޓިގޭޓަރު
  • އައްޑު އަތޮޅުގައި ދެފަހަރެއްގެ މަތިން ކޮމާންޑަރު
  • ޏ. ފުވައްމުލަކުގައި ކޮމާންޑަރު
  • އދ. އަތޮޅުގައި ދެފަހަރެއްގެ މަތިން އެޓޮލް ކޮމާންޑަރު
  • ކ. އަތޮޅުގައި އެޓޮލް ކޮމާންޑަރު
  • ޔުނީފޯމް އެންޑް އެކްސެސަރީސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް

އަލީ އަހްމަދަކީ ގައުމަށް ހިދުމަތް ކޮށްދެއްވުމުގައި ދެގޮތެއް ނުވާ ބޭފުޅެކެވެ. ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުން ފެށިގެން ފުލުހުންގެ ތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތައް އޭނާ ވަނީ ހޯއްދަވާފައެވެ. އަލީ އަހްމަދަށް ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑަލް، ސައްތައިގެ މެޑެލް، އިހްލާސްތެރި ހިދުމަތް ކުރުމުގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ މެޑެލް، އަހްލާގީ މެޑެލް، ފުލުހުންގެ ހިދުމަތުގެ މެޑަލް، މަތިވެރި ހިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލް، މިނިވަން ފަންސާހުގެ މެޑެލް ހިމެނެއެވެ.

ހަމައެއާއެކު އަލީ އަހްމަދަށް ފުލުހުންގެ ހިދުމަތުގެ ކުލަ، ސިފައިންގެ ހިދުމަތުގެ ކުލަ، އިހްލާސްތެރި ހިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ، ހާއްސަ ހިދުމަތުގެ ކުލަ، ހުނަރުވެރި ކަމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަދި އަހްލާގީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަވިސްއަށް ހުށަހެޅި ބޮޑެތި މައްސަލަތައް ތަހުގީގު ކުރެއްވުމުގައި އެކަށީގެންވާ ކާމިޔާބީތަކެއް އޭނާ ވަނީ ހާސިލް ކުރައްވާފައެވެ. އެގޮތުން އެކަމުގެ އަގު ވަޒަން ކުރައްވައި އެކި އަހަރު ވަނީ ހަނދާނީ ލިޔުން ވެސް ލިބިވަޑައިގެންފައެވެ.