ރާއްޖޭގެ ކަނޑުގެ ޗާޓު ގައުމުތަކަށް ވިއްކައިގެން އިންޑިއާ އަށް މާލީގޮތުން ބޮޑު ފައިދާއެއް ލިބޭކަން ޔަގީން ވެއްޖެއެވެ.

މިކަން ޔަގީންވެފައި ވަނީ ރާއްޖެއާ އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޮމިޓީއަށް ޑިފެންސް މިނިސްޓަރާއި އެމްއެެންޑީއެފްގެ އިސްވެރިން ހާޒިރުކުރުމުންނެވެ.

އެއްބަސްވުމުގައިވާ ގޮތުން ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އޮތް ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ.

އެއްބަސްވުމުގައިވާ ގޮތުން އިންޑިއާ އިން އެކުލަވާލާ މައުލޫމާތުތައް ރާއްޖޭގައި ވިއްކާ ނަމަ ދިވެހި ސަރުކާރަށް 35 ޕަސެންޓްގެ ކޮމިޝަނެއް ލިބެއެވެ. އަދި އިންޑިއާ އިން އެ މައުލޫމާތުތަކާއި ކަމާ ގުޅޭ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާނަމަ ރޯޔަލްޓީގެ ގޮތުގައި ރާއްޖެއަށް ލިބެނީ އެންމެ 25 ޕަސެންޓެވެ.

ހައިޑްރޯގްރަފީ ސާވޭ ހެދުމަށް ފަހު ލިބޭ މައުލޫމާތާއި ޗާޓުތައް ވިއްކާ އަގާ މެދު ބައެއް މެންބަރުން ސުވާލުކުރެއްވުމުން ސިދާ އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި ސާވޭއަކީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ހަދާ ސާވޭއެއް ކަމަށާއި ސާވޭ ކުރާނީ ދިވެހި ސަރުކާރުން ބޭނުންވާ ސަރަހައްދުތަކެއްގައި އެކަނި ކަމަށެވެ.

ޝަމާލް ވިދާޅުވިގޮތުގައި މިއީ ރާއްޖެއިން ހައިޑްރޯގްރަފީ އެއްބަސްވުމެއް ހެދި ފުރަތަމަ ފަހަރު ނޫން ކަމަށާ، މީގެ ކުރިން އިނގިރޭސިވިލާތާ އެކު އެފަދަ އެއްބަސްވުމެއް ހެދި ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

ރޭ މަޖިލީހުގެ 241 ކޮމިޓީގައި އެމްއެންޑީއެފާއި ޑިފެންސުން ޗާޓާ ބެހޭގޮތުން ރަސްމީކޮށް ވާހަކަ ދެއްކި އިރު "ދަ ޕްރެސް" އިން ވާނީ އެއްބަސްވުމާ ގުޅޭ ގިނަ ވާހަކަތަކެއް ކުރިން ގެނެސް ދީފައެވެ.

ރާއްޖެއިން ޗާޓު ބޭނުން ވާނަމަ ގަންނަން ޖެހޭނީ އިންޑިއާ އިންނެވެ. ރާއްޖެއިން ޗާޓު ބޭނުން ވާކަން އެންގުމުން އެ ޗާޓު އިންޑިއާ އިން ފޮނުވާނީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނަށް ކަމަށާ ހައި ކޮމިޝަނުން އެ ޗާޓުތައް ދިވެހި ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ. އަދި ކޮންމެ 6 މަހަކުން ޗާޓުތައް ވިއްކުމަށް ފަހު ސޭލްސް ބަޔާނެއް އިންޑީއާގެ ހައިކޮމިޝަނަށް ހިއްސާކުރަން ޖެހޭ ގޮތައް ވެސް ވެއެވެ.

ކޮންމެ ޗާޓަކުންވެސް ރާއްޖެއަށް އެއްފަހަރާ ގެންގުޅެވޭނީ 25 ކޮޕީ ކަމަށާ، ސަރުކާރުގައި ހުންނަ ކޮޕީގެ އަދަދު 10 އަށް ވުރެ މަދުވެއްޖެނަމަ އެކަން އިންޑިއާ ހައި ކޮމިޝަނަށް އަންގައި އިންޑިއާގެ ހައިޑްރޮގްރަފީ އޮފީހުން ޗާޓު ހޯދަން ޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ވެެއެވެ. އަދި އެ ޗާޓުތައް ވިއްކޭނީ އިންޑިއާ ސަރުކާރުން ކަނޑައަޅާ އަގުތަކެއްގައި ކަމަށާ އެއަށް ވުރެ ބޮޑު އަގެއްގައި ދިވެހި ސަރުކާރަށް އެ ޗާޓު ނުވިއްކޭނެ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ.

އެ ޗާޓުތައް ނަކަލުކޮށް އެހެން ބަޔަކަށް ވިއްކަން ބޭނުންވާނަމަ އިންޑިއާ ސަރުކާރުން ލިޔުމުން ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެ ހާލަތުގައި ޗާޓު ވިއްކޭނީ އިންޑިއާއިން ލިޔުމުން ހުއްދަ ދިނުމުން ކަމަށްވެސް އެއްބަސްވުމުގައި ވެއެވެ. އެހެން ނަމަވެސް ރަސްމީ ކަންކަމުގައި އިންޑިއާގެ ހުއްދަނެތި އެ ޗާޓުތައް ބޭނުން ކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

ހައިޑްރޯގްރަފީއަކީ ކަނޑު އަޑީގެ ޗާޓާއި ކަނޑުއަޑީގައި ވާ ތަކެތި ސޯނާ އަޑު ބޭނުންކޮށްގެން ދެނެގަތުމަށް ކިޔާނަމެކެވެ. މިގޮތުން ހައިޑްރޯގްރަފީ ބޭނުންކޮށްގެން ކަނޑު އަޑީގެ ޗާޓު ކުރަހާ ހަދައެވެ. އަދި މީހުން ހޯދުމާ ތަފާތު އަސްކަރީ ބޭނުންތަކުގައި ވެސް ހައިޑްރޯގްރަފީ ބޭނުންކުރެއެވެ.