އައްޑޫ ސިޓީ ހިތަދޫއަށް، މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ކައުންސިލްގެ މެންބަރު އިބްރާހިމް ޝިނާޒް ވިދާޅުވީ އެ ބޮޑު މަސް ލައްގާފައިވަނީ ހިތަދޫ ފުއްޓަރު ފަރާތަށެވެ.

މި ބޮޑު މަހުގެ ދިގުމިނުގައި 45 ފޫޓު ހުންނާނެ ކަމަށް ޝިނާޒް ވިދާޅުވިއެވެ.

ޝީނާޒު ވިދާޅުވީ މި ބޮޑުމަސް ފެނިފައިވަނީ މިއަދު ހެނދުނު 8 ޖަހާކާއިރު ކަމަށެވެ.

މިހާރު މި ބޮޑުމަސް ވަޅު ލުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން އަދި ރަށު ކައުންސިލުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ އެއްފަޅި އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. އަދި މަހުގެ ކުނި ވަސް ބޮޑު ސަރަހައްދަކަށް ވަނީ ފެތުރިފައެވެ.