މިދިޔަ މޭ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން، އެ މައްސަލާގައި ނަޝީދުގެ ލޯޔަރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާ ކްރިސްޓީ ބްރިމެލޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ރޭ ބައްދަލު ކުރައްވައިފިއެވެ.

ހައި ޕްރޮފައިލް މައްސަލަތައް ބަލާ އިނގިރޭސިވިލާތުގެ މިނިވަން ލޯ ފާމް ކުއީންސް ކައުންސެލްގެ މެމްބަރުކަންވެސް ކުރަށްވާ ކްރިސްޓީ ބްރިމެލޯ ނަޝީދުގެ ލޯޔަރެއްގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގަތް ޒަހަމްތަކަށް ޖަރުމަންވިލާތުން ފަރުވާ ހޯއްދެއްވުމަށް ފަހު، އިނގިރޭސިވިލާތަށް އިތުރު ފަރުވާ ހޯއްދަވަން ވަޑައިގެންނެވި އިރުގައެވެ.

ރައީސާ އެކު ބްލިމެލޯ ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ނަޝީދަށް މޭ 6 ގައި ދިން ހަމަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސްގެ އިތުރުން، ކްރިސްޓީ ބްރިމެލޯ ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ބައެއް އިސްވެރިންނާ އިއްޔެ ބައްދަލު ކުރައްވާފައެވެ.

މޭ 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވިި ޒަހަމްތަކަށް ޖަރުމަންވިލާތުގެ އިތުރުން އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދެއްވުމަށް ފަހު، ނަޝީދު އެނބުރި ވަޑައިގަތީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ނަޝީދު ވަޑައިގެންނެވުމާއެކު، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.