ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ތަރައްގީގެ ވާހަކަ ވިޔަސް، އަދި އެހެން ވާހަކައެއް ވިޔަސް ދައްކަވަން ޖެހޭނީ "ގައިން ތާހިރުވެގެން" ކަމަށާއި، ގައިން ތާހިރުވުމަށްޓަކައި ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ ރައީސަށް ތުހުމަތުކުރެވޭ ގިނަ ކަންތައްތަކުން އެމަނިކުފާނު ސަލާމަތްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެ ތުހުމަތުތަކުން ސަލާމަތް ވެވަޑައިގަތުމަށްޓަކައި ރައީސް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 37 މިލިއަނަށް ވުރެ ގިނަ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ވިދާޅުވުމުން އެމަނިކުފާނު އެބަޖެހޭ އެއަށް ޖަވާބުދާރީވެ ވަޑައިގަންނަވަން. އެތުހުމަތުން އެބަޖެހޭ ބަރީއަވެ ވަޑައިގަންނަވަން. ބަރީއަވެ ވަޑައިގަތުމަށްޓަކައި، ގައިން ތާހިރުވުމަށްޓަކައި މަނިކުފާނު ކުރައްވަން ވީ ކަމަކީ މަސްއޫލިއްޔަތުން އެއްފަރާތްވެ ވަޑައިގަތުން." އަދުރޭ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހު ދައްކާ ގޮތުން، ރައީސާއި އެމަނިކުފާނުގެ އާއިލާއަށް ވުރެ "ނުތާހިރު އާއިލާ" އެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށާއި، އެންމެ ގިނަ ބާޣީންވެސް ނިސްބަތްވަނީ އެ އާއިލާއަށް ކަމަށާއި، އެހެންވެ ކެރަފާ އާއިލާއާއި ސިއްކަ އާއިލާއިން ތާހިރުވެގެން ނޫނީ ސިޔާސީ ވާހަކައެއް އަދި އެހެން ވާހަކައެއްވެސް ނުދެއްކޭނެ ކަމަށެވެ.
މީގެ އިތުރުން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރަމުން ސަރުކާރުން ގެންދަނީ ކޮން ހަމައަކުންތޯ އަދި ކޮން ނިޒާމަކުންތޯ އާއި، ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ ކޮން އުސޫލެއްގެ ތެރެއިންތޯ ސުވާލު އުފައްދަވާފައެވެ.
ރާއްޖެއަކީ އަމަން އޮމާން ކަމާއެކު މީހުންނަށް އިހްތިރާމް ކޮށްގެން އިހްތިރާމް ދީގެން އުޅުނު ތަނެއް ކަމަށާއި، ނަމަވެސް މިހުރިހާ ކަމެއް އެފުން މިފުށަށް ޖަހާލީ ނަޝީދާއި ރައީސް އިސްވެ ތިއްބަވައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ސުވާލު ކޮށްލަން ބޭނުން. ނޫންނަމަ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު ނިމިގެން ދިއުމުން 8 ފެބްރުއަރީގައި ރާއްޖޭގައި ހުރި ޕޮލިސް ސްޓޭޝަންތަކާއި އެހެންވެސް ސަރުކާރުގެ އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާ އަންދާލި އަންދާލުން މަނިކުފާނަށް ފެނިވަޑައިގަތް ގަތުން އެއީތޯ މަނިކުފާނަށް ފެނިވަޑައިގެންނެވި ސިޔާސީ ހަލަބޮލި ކަމަކީ؟" އަދުރޭ ވިދާޅުވިއެވެ.
ހަމައެއާއެކު، ގައުމިއްޔަތުގެ ބަހާތަކުގައި ހިފަހައްޓަންޖެހޭ ކަމަށް ރައީސް ދެއްކެވި ވާހަކަފުޅަށް ދެއްވި ރައްދުގައި އަބްދުއްރަހީމް ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ﷲ ގެ ޒާތުފުޅާމެދު ސުވާލު އުފައްދައި، ރަސޫލާއަށް ހަޖޫޖަހައި ރިޕޯޓެއް ނެރުމުން އެމީހުންނާ މެދު ފިޔަވަޅެއް ނާޅައި، އެ ޖަމިއްޔާގެ މީހުންނަށް ދައުލަތުން މަގާމުތައް ދިނުމަކީ ގައުމިއްޔަތުގެ ބަހާތަކުގައި ހިފެހެއްޓުންތޯ ސުވާލު ކުރައްވާފައެވެ.
އަދި މިއަދު މިސްކިތްތަކާއި ހަތިމަށް ކުޅުޖަހާ މަންޒަރުވެސް ފެންނަމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށްވެސް ފިޔަވަޅު ނޭޅެނީ ކީއްވެތޯ އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.
އެއަށްފަހު، އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭ ގޮތުން އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.