ދިވެހި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ހިދުމަތްތަކެއް ކުރައްވާފައިވާ މއ.ކޮޕީގެ، މުހައްމަދު ރަޝީދު (ކޮޕީ މުހައްމަދު ރަޝީދު) ނިޔާ ވެއްޖެއެވެ.
ސްޓްރޯކެއް ޖެހުމުގެ ސަބަބުން އޭޑީކޭގައި ކޮޕީ މުހައްމަދު ރަޝީދަށް ފަރުވާ ދީފައިވާ އިރު އޭނާގެ ހާލު ސީރިއަސްވުމުން ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އެނާ ނިޔާވީ މިރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކޮޕީ މުހައްމަދު ރަޝީދަކީ، އަރަބި ތާނަ ލިޔުމާއި ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރެެވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 3 ފަހަރެއްގެ މަތިން އާންމު ހިދުމަތުގެ އިނާމު އޭނާއަށް ދީފައެވެ.
އެގޮތުން، 1984 ވަނަ އަހަރު ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ދީފައި ވާއިރު، 1988ވަނަ އަހަރު ތާނަ އަރަބި ލިޔުމުގެ ރޮނގުން އިނާމު ވަނީ ދީފައެވެ. އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދްމަތް ކުރުމުގެ ދާއިރާ އިން ޅެންހެދުމުގެ ރޮނގުން އޭނާއަށް ވަނީ އާންމު ހިދުމަތުގެ އިނާމު ދީފައެވެ.
ކޮޕީ މުހައްމަދު ރަޝީދު ނިޔާވި އިރު އުމުރަކީ 72 އަހަރެވެ.