2017 ގެ އޭޕްރީލް 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ 12 އަހަރުން މަތީގެ ކުދިންނަށް ކ. ތުލުސްދޫގައި ބޭއްވި ކޭމްޕުގައި ބައިވެރިވި ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރީ ފުލުހުންގެ ގާނޫނުގެ ތެރެއިން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭހެން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ 30 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ނަމަވެސް، ޕީޖީން ޒެނީޝާ އާއި ބަޝީރަށް ދައުވާ ނުކުރަން ނިންމައި، 13 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ފޮނުވާފައެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ލިބުނު މީހުންގެ މައްޗަށް ކަމަށާއި، އެހެންކަމުން މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2017 ވަނަ އަހަރު ތުލުސްދޫގައި ހިންގި ކޭމްޕަކަށް، ހިޔާގެ ކުދިން ގޮވައިގެން އެ ރަށަށް ދަތުރުކުރި ފެރީގައި އަދި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގުކޮށް އަށް ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ޖިނާއީ ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު އެޗްއާރުސީއެމުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ފުލުހުންނާ ހިއްސާކުރި ކަމަށެވެ.

އަދި އެކުދިން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ބިޑިއަޅުވައި އެކުދިންނަށް ބާރަށް ހަޅޭއްލެވި ކަމަށް ތުހުމަތު ކުރެވޭތީ، 13 ފުލުހެއްގެ މައްޗަށް ލާއިންސާނީ އަމަލު ހިންގުމުގެ ދައުވާ ކޮށްފައިވާނެ ކަމަށާއި އޭގެ އިތުރުން ތިން ފުލުހަކަށް ދައުވާ ނުކުރަން ނިންމައި، ޕީޖީން ފުލުހުންނާ އެކަން ހިއްސާކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ފުލުހުން ބުނީ، މިކޭމްޕަށް ހިޔާގެ ކުދިންނަށް ގެންގޮސްފައިވަނީ އެ އުމުރުފުރައިގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭމްޕާއި ބްލޫސް ފޯ ޔޫތު ކޭމްޕުގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން އެކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން ކަމަށާއި، މި ކޭމްޕުގައި ކުޑަކުދިންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް އެއްވެސް މުއައްސަސާ އަކުން މީގެ ކުރިން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ގަބޫލުކުރާ ކަމަށާއި، މި ދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް ދައުވާ ކުރަން ނިންމުމުން ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި މި މައްސަލައާ ގުޅިގެން އެޗްއާރުސީއެމްގެ ތަހުގީގުން ހޯދާފައިވާ ހޯދުންތަކާއި މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދި އެ ކޮމިޝަނުގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

13 ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެއް ފުލުހުންގެ މައްޗަށް އަންނާނެއެވެ.