މިދިޔަ އޮކްޓޫބަރު މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 155.7 ޕަސަންޓް އިތުރު އަދަދެއް ކަމަށެވެ. މިއީ މިއަހަރު އޮކްޓޫބަރު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 39.3 ޕަސަންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެއެވެ.

އޮކްޓޫބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮކްޓޫބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްއާއި ފީތަކުން ލިބުނު ފައިސާ އިތުރުވުމުން ކަމަށެވެ.

އޮކްޓޫބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އެއީ 58.4 ޕަސަންޓު ނުވަތަ 584 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއެވެ. އެއީ 11.8 ޕަސަންޓު ނުވަތަ 117.9 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65 މިލިއަން ރުފިޔާ، ގްރީންޓެކްސްގެ ގޮތުގައި 57 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ އޮކްޓޫބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.