ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާނުކޮށް، 13 ފުލުހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

އެޗްއާރްސީއެމުން މައްސަލަ ތަހުގީގުކުރުމަށްފަހު ޒެނީޝާ އާއި ބަޝީރު ހިމެނޭހެން 30 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވިއެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ގަރީނާ ލިބުނު މީހުންގެ މައްޗަށް ކަމަށާއި އެހެންކަމުން މި މައްސަލައިގައި ތުހުމަތުކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެޕްރީލް 20، 2017 އިން އެޕްރީލް 22، 2017 އަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ މުވައްޒަފުން ބައިވެރިވެގެން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕްގައި ބައިވެރިވި ކުދިންނަށް އެކި ކަހަލަ އަނިޔާތަށްކޮށް ޓޯޗާގެ އަމަލު ހިންގި މައްސަލައިގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފި ކަމަށެވެ.

13 ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެއް ފުލުހުންގެ މައްޗަށް އަންނާނެއެވެ.