ބޭންކް އޮފް މޯލްޑިވްސް އިން މިއަދު 'ބީއެމްއެލް ސްކޮލާޝިޕް ފަންޑް' ތައާރަފު ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރުތަމަ ހަރަކާތް ކަމަށެވެ. މިގޮތުން މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ވަނި ބުނެފައެވެ.

މިއަދު ތައާރަފް ކުރި ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސް ގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއިން ބިނާ ކުރުމުގެ އަމާޒުގައި އުފެއްދި ފަންޑެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެސް ވެގެންދާނެ ކަމަށެވެ. މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ކޮންމެ މަހަކު ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ޓިމް ސޯޔާ ވިދާޅުވިއެވެ.

ޓިމް ސޯޔާ އިތުރަށް ވިދާޅުވީ، މިއީ ބީއެމްއެލްގެ ކަސްޓަމަރުންނާއި މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް ކަމަށާއި މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ ފަހުރުވެރިވާ ކަމެއް ކަމަށް ޓިމް ސޯޔާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި މުނާސަބަތު ފާހަގަކުރަމުންދާއިރު، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް އަޅުގަނޑުމެން މަރުހަބާ ކިޔަން. ކޮޕް ސަމިޓްގައި މަޝްވަރާ ކުރުވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނާ ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަޅުގަނޑުމެން އިސްކަންދޭނަން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔަ

ބީއެމްއެލް އިން ބުނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރެވޭނެ ކަމަށެވެ.