ވިހެއުމާއި ގުޅިގެން ފަނޑިޔާރުންނަށް ލިބޭ ޗުއްޓީ އެކަށީގެންވާ މުއްދަތަކަށް ދިގުކުރުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހަތަރު ބިލެއް ހުށަހެޅުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ވަނީ ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެއެވެ.

އެ ބިލިގައި ވަނީ, ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނު ނަންބަރު 2010/13 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.

އޭޖީ އޮފީހުން ދެން އިސްލާހު ގެންނަން ނިންމާފައިވާނީ, ކޯޓުތަކުގެ ގާނޫނާއި, ފެނާއި ނަރުދަމާގެ ގާނޫނަށެވެ. އަދި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމާއި ގުޅޭ ބިލެއް ވެސް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ކޯޓުތަކުގެ ގާނޫނޫ އިސްލާހުކުރަން ފޮނުވި ބިލުގައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމުގެ އިތުރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު އިސްލާހުތައް ގެނައުމަށް ހިމަނާފައެވެ.

ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމަށް އެންވައިރުމެންޓް މިނިސްޓްރީއަށް ދިމާވާ އިދާރީ ދަތިތައް ހައްލުކުރުމަށް, ފެނާއި ނަރުދަމާގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރިކުރުމާއި އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާ ބިލެއް,"
އޭޖީ އޮފީސް

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުން ހުއްޓުވުމުގެ ބިލެއް ހުށަހަޅާފައިވަނީ, ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހަޅަން ނިންމައިފައިވެއެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކަށް ހާއްސަ ބިލުތައް ހިމެނެއެވެ.