އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް ދަށް ކަމަށް ކޮމިޓީއަށް ފެންނަ މެންބަރުން ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށަން އެ ކޮމިޓީން ފާސްކޮށްފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ އޭސީސީގެ މެންބަރުން އެ ކޮމިޝަނަށް އައްޔަންކުރި ފަހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރެވިފައި ހުރި މަސައްކަތަކާއި އަދި އެ މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލަތަކުގެ އަދަދާއި، ތަހުގީގު މަރުހަލާގައި ހުރި މައްސަލަތަކުގެ މައުލޫމާތު ހޯދުމަށް ވަކިވަކިން އޭސީސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރުމަށް ހުށަހަޅާފައެވެ.

ހަސަންޓޭގެ ހުށަހެޅުމަށް ތާއީދުކޮށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވަނީ ބައެއް އިތުރުކުރުމަށް ހުށަހަޅާފައެވެ. އެއީ އެ ކޮމިޝަންގެ މެންބަރުންނާ ކޮމިޓީން ވަކިވަކިން ސުވާލުކޮށް މެންބަރުންގެ ޕާފޯމަންސް ބެލުމަށްފަހު ޕާފޯމަންސް ދަށް މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ހުށަހެޅި ހުށަހެޅުމެކެވެ.

މި ހުށަހެޅުން ކޮމިޓީން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.