އައިޖީއެމްއެޗްގައި މައްސަލަ ޖެހުނު އެލިނިޓީ ސީއެލް މެޝިންތައް އެއްކޮށް ހަދައި ނުނިމުނު ނަމަވެސް މިއަދު ލޭގެ ޓެސްޓުތައް ހެދުން 300 ނަންބަރު ދޫކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު އައިޖީއެމްއެޗުގެ ލެބޯޓަރީއިން ދެމުންދާ އެނދުމަތިކޮށް ފަރުވާ ނުދޭ ބަލިމީހުންގެ ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވެދާނެކަމަށް ކުރިން ލަފާކުރެވިފައިނުވާ، ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ޓެސްޓުތައް ހެދުން ވަގުތީގޮތުން މެދުކަނޑާލިއެވެ.

އައިޖީއެމްއެޗުން ބުނީ އެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމުން ހުއްޓުމެއްނެތި މަސައްކަތް ކުރަމްންދާ ކަމަށާއި މެޝިންތަކަށް ދިމާވެފައިވާ މައްސަލަ އަދި މުޅިން ހައްލުވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު 8 ފެށިގެން އެދުމަތިކޮށް ފަރުވާ ނުދޭ ބަލި މީހުންގެ ލޭގެ ޓެސްޓުތައް ހެދުމަށް 300 ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން އިތުރުން ބުނީ އެ މައްސަލަ މުޅިން ހައްލުވެ މެޝިންތަކުގެ ފުލް ކެޕޭސިޓީގައި ބޭނުންކުރެވެން ފެށުމުން ކުރިއެކޭ އެއްފަދައިން ލޭގެ ޓެސްޓުތައް ހެދުމަށް ނަންބަރު ނަގާ މީހުންނަށް ހިދުމަތް ދޭނެ ކަަމަށާއި އެ ޓެސްޓުތައް ވިނަވި ހިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓްރީއަކުން ހެދުމުގެ ފުރުސަތު އޮތް ކަމަށެވެ.