މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް ހިންގާ އިމާރާތަށް އެގައުމުގެ އާންމުންގެ ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތައް ތަހުގީގު ކުރަމުން ދާ ކޮމިޓީއަށް ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރެކޯޑްތައް ބެލޭނެ ކަމަށް އެމެރިކާގެ ފަނޑިޔާރަކު ނިންމަވައިފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓަލް ބިލްޑިންގްއަށް ވަދެ ހަމަނުޖެހުންތައް ހިންގީ އެގައުމުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެން ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުންނެވެ.
މި ހަމަނުޖެހުންތައް ތަހުގީގު ކުރަމުން ދަނީ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސިލެކްޓް ކޮމިޓީންނެވެ. އެކޮމިޓީން ބަލަމުންދަނީ ހަމަނުޖެހުންތަކުގެ ކުރިން ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް އިމާރާތަށް ވަދެގަންނާނެކަން ޓްރަމްޕަށް އެނގިލައްވާފައި އޮތްތޯ ނުވަތަ ނޫންތޯއެވެ.
އެކޮމިޓީން ވަނީ މިކަން ކަނޑައެޅުމަށް ޓްރަމްޕްގެ ރައީސް ކަމުގައި ހުންނެވި އިރު ރިޔާސީ އޮފީސް ވައިޓްހައުސްގައި ހިނގާފައިވާ ބައެއް މުއާމަލާތްތައް ބަލަން ޖެހޭ ކަމަށެވެ. މީގެ ތެރޭގައި ފޯނު ރެކޯޑްތަކާ ވައިޓް ހައުސްއަށް ޒިޔާރަތް ކުރި މީހުންގެ މައުލޫމާތާ ވައިޓް ހައުސްގެ އެހެން ލިޔެކިއުންތައް ހިމެނެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ވަނީ މިކަން ހުއްޓުވުމަށް ކޯޓުން އަމުރެއް ނެރެދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިއީ ރައީސުންނަށް ލިބޭ ބާރުތަކާ އިނާޔަތްތަކާ ހިލާފު ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ މިކަން ސިފަ ކުރައްވާފައެވެ.
އެހެން ނަމަވެސް މައްސަލަ ބެއްލެވި ޑިސްޓްރިކްޓް ފަނޑިޔާރު ތާނިޔާ ޖުޓްކަން ވިދާޅުވީ، ރައީސުންނަށް ލިބޭ ބާރުތަކާ އިނާޔަތްތަކަކީ ދާއިމަށް ލިބޭ އެއްޗެއް ނޫން ކަމަށާ މި މައުލޫމާތު ހޯދުމަށް ކޮމިޓީއަށް އެއްވެސް ހުރިހައެއް ނެތް ކަމަށެވެ.