ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހާ ގޭސްތައް މަދުކުރުމަށް ގައުމުތަކުން މަސައްކަތްތައް ކުރި ނަމަވެސް މިގަރުނުގެ ތެރޭގައި ދުނިޔެ 2.4 ޑިގްރީ ސެލްސިއަސް އަށް ހޫނުވާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ކްލައިމެޓް އެކްޝަން ޓްރެކާ ނަމަކަށް ކިޔާ ޖަމާއަތަކުން ހެދި ދިރާސާއެއް ދައްކާ ގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030 ވަނަ އަހަރުގެ ކުރިން މަދުކުރެވުނު ނަމަވެސް 2100 ވަނަ އަހަރުގެ ކުރިން ދުނިޔެ އިތުރު 1.5 ޑިގްރީ ސެލްސިއަސް އަށް ހޫނުވެގެން ދާނެއެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ ސްކޮޓްލޭންޑްގެ ގްލަސްކޯގައި މިހާރު ހިނގަމުންދާ ކޮޕް 26 ސަމިޓްގައި ގައުމުތަކުން ވައުދުވެފައިވާ ކަންކަމުން ވެސް ދުނިޔެ ހޫނުވުން ހުއްޓިގެން ނުދާނެ ކަމަށާ، ގައުމުތަކުން މިކަމުގައި ސިޔާސަތުތައް އެކަށައެޅުމުގެ މަސައްކަތްތައް ކުރަމުން ދަނީ ފިނިހަކައިގެ ދުވެލީގައި ކަމަށެވެ.
މިކަމުގައި އެންމެ ރަނގަޅު ނަތީޖާއެއް ވެސް ނެރެވެން އޮތީ ދިގު މުއްދަތަށް ގައުމުތަކުން ކަނޑައަޅަން ގަސްތު ކޮށްފައި ވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އަމާޒު ހިފައިގެން ކަމަށާ، މިކަމުގައި ވެސް ދަތިތަކެއް ހުރި ކަަމަށް ވެސް އެޖަމާއަތުން ބުނެއެވެ. އެއީ ކުރު މުއްދަތުގެ ލަނޑުދަނޑިތައް ވެސް ހާސިލް ނުކުރެވޭ ގައުމުތަކަށް ދިގު މުއްދަތުގެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެތޯ އުފެދޭ ސުވާލު ކަމަށް ކްލައިމެޓް އެކްޝަން ޖަމާއަތުން ބުންޏެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދިރާސާ ކުރަމުން އަންނަ ގިނަ ސައިންސްވެރިން ވެސް ބުނެފައި ވަނީ މިގަރުނުގެ ތެރޭގައި ދުނިޔެ އިތުރު 1.5 ޑިގްރީ ސެލްސިއަސް ހޫނުވާނެ ކަމަށާ މިކަމުގެ ސަބަބުން އެކި އެކި ގެއްލުންދެނިވި މޫސުމީ ބަދަލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީން 2 ޑިގްރީއަށް އުފުލިއްޖެ ނަމަ، ދިވެހިރާއްޖެ ފަދަ ގައުމުތަކަށް އޮތް ނުރައްކާ ބޮޑެވެ. އަދި 2 ޑިގްރީއަށް އުފުލިގެން ދިއުމަކީ ރާއްޖެއަށް ދޭ މަރުގެ އިންޒާރެއް ކަމަށް ގްލާސްގޯގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.