ދެކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާންމުކޮށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ވަނީ އިލްތިމާސް ކޮށްފައެވެ.

އަރަބި ކަނޑާއި ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އިންޑިއާ އާއި ސްރީލަންކާ އަށް ވެސް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. އިއްޔެ ލަންކާއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި ވާއިރު, "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެން އޮތް ސީޝެލްސް އާއި ބަންގްލަދޭޝް މެޗު އަދި ދިވެހިރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ވެސް ވަނީ ފަސްކޮށްފައެވެ.