"ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު މިއަދު 3:30 ގައި ބާއްވަން ތާވަލު ކޮށްފިއެވެ.

ސްރީލަންކާގައި އިއްޔެ ފެށުމަށް ތާވަލް ކުރި "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގައި ރޭ ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗް ފަސްކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ކުރިން ތާވަލު ކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ އެކުގައެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހުއެވެ.

ރޭގެ މެޗު ފަސްކޮށްފައި ވާއިރު ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ މާޓީވީން ރާއްޖެ ކުޅޭ ހުރިހާ މެޗެއް ބެލޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މީގެ އިތުރުން ރާއްޖެއާއި ލަންކާ ކެޅޭ މެޗު ކާނިވާ ސަރަހައްދުގައި އަދި ޒުވާނުންގެ މަރުކަޒުގައި ހުންނަ ބޮޑު ސްކްރީނުން ދައްކާ ގޮތަށް ވެސް ވަނީ އިންތިޒާމް ކޮށްފައެވެ.

މި މުބާރާތް ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.