ގަތަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖެހިފައި ވާކަން މިއަދު އިއުލާން ކޮށްފިއެވެ.

އުރީދޫ އަކީ ގަތަރުގައި 2019 އަދި 2020 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕް ގެ ގައުމީ ސަޕޯޓަރެއްވެސް މެއެވެ.

އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރު ޝައިހް ނާސިރު ބިން ހަމަދު ބިން ނާސިރު އަލް ސާނީ ވިދާޅުވީ މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގަތަރުގައި މިފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ނެޓްވޯކް ސްޕީޑު އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާއާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.

ފީފާގެ ޑިރެކްޓާ އޮފް ކޮމާޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވީ ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ފަހަރު އުރީދޫ އެނބުރި އައީތީ އުފާކުރާ ކަމަށާއި އުރީދޫ އާއިއެކު މި މަސައްކަތްކުރަނީ ގަތަރުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށްވެސް ފޯރިގަދަ އިވެންޓެއް ބޭއްވުމުގެ އުއްމީދުގައި ކަމަށެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ނޮވެމްބަރު 21، 2022 އިން ޑިސެމްބަރު 18، 2022 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ. އެވްރެޖްކޮށް 110 މިލިއަނަށްވުރެ ގިނަ މީހުން ފީފާ ވޯލްޑް ކަޕް މެޗުތައް ބަލާއިރު ދުނިޔޭގެ އާބާދީގެ 51 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ފީފާ ވޯލްޑް ކަޕް ރަޝިއާ 2018 ބަލާފައެވެ.