އޮކްޓޫބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 142،065 އަށް އަރައިފިއެވެ.

މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 4582 ފަތުރުވެރިން ވަނީ އައިސްފައެވެ. އޮކްޓޫބަރު މަހު 142،065 ފަތުރުވެރިން އައިސްފައި ވާއިރު ސެޕްޓެމްބަރު މަހު ރާއްޖެ އައިސްފައި ވަނީ 114،896 ފަތުރުވެރިންނެވެ. މިއީ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 24 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަމަހު ރާއްޖެއަށް އައި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން މިދިޔަ މަހު 29،603 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން އައި ދެވަނަ ގައުމަކަށް 17،570 ފަތުރުވެރިންނާއެކު އޮތީ ރަޝިއާއެވެ. އަދި އެ ލިސްޓުގެ ތިންވަނައިން ޖަރުމަނު ޖާގަ ހޯދާފައި ވަނީ 16،356 ފަތުރުވެރިން ރާއްޖެ އައިސްގެންނެވެ.

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 ފަތުރުވެރިންނެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

އެހެންކަމުން މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ މިދިޔަ އަހަރު އައި ފަތުރުވެރިން އައި އަދަދުވެސް މުގުރާލާފައެވެ.

މީގެ ކުރިން އެއް މިލިއަން ފަތުރުވެރިންނަކީ މި އަހަރުގެ އަމާޒު ކަމުގައި ސަރުކާރުން ބުނެފައި ވީ ނަމަވެސް އެ އަދަދު މުގުރާލުމާ ގާތަށް ދިއުމުން މައުސޫމް ވަނީ އަމާޒު 1.3 ފަތުރުވެރިންނަށް ބަދަލުކޮށްފައެވެ. މި އަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއު އެވެ. މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް އައީ އޭނާގެ އަންހެނުންނާ އެކު ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.