މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އައިޖީއެމްއެޗުން ލޭގެ ޓެސްޓްތައް ހެދުން ވަގުތީ ގޮތުން ހުއްޓިއްޖެއެވެ.
އެ ހޮސްޕިޓަލުން މިހާރު ހަމައެކަނި އެ ހިދުމަތްދެމުން އަންނަނީ އެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭ ބަލިމީހުންގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައެވެ.
އައިޖީއެމްއެޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ލެބޯޓަރީއިން ދެމުންދާ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް މައްސަލަ ދިމާވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
އަދި މައްސަލަ ހައްލުކުރެވެން ދެން އައިޖީއެމްއެޗުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތަކާއި އެހެނިހެން ހޮސްޕިޓަލުތަކުން، އައިޖީއެމްއެޗަށް ފޮނުވާ ލޭގެ ޓެސްޓުތައް ހެދުން ވަނީ ހުއްޓާލެވިފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.
މިސަބަބާ ހުރެ އިއްޔެ ޓެސްޓު ހެދުމަށް ސާމްޕަލް ނެގި ފަރާތްތަކުގެ ޓެސްޓުތައް ހެދިފައި ނުވާ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެއެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނީ އިއްޔެގެ ޓެސްޓުތައް ހެދިފައި ނުވާތީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހައްދަން ރިކުއެސްޓު ކޮށް ސާމްޕަލް ދީފައިވާ ފާރާތްތަކަށް ބަލްކް ކޮށް ފޯނު މެސެޖްގެ ޒަރީއާއިން އެ ކަމާބެހޭ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށާއި އެ ޓެސްޓުތައް ވިނަވި ހިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓްރީއަކުން ހެދުމުގެ ފުރުސަތު އޮތް ކަމަށެވެ.