ސްރީލަންކާގައި މިއަދު ފަށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގައި މިރޭ ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ލަންކާއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު, މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް ސީޝެލްސް އާއި ބަންގްލަދޭޝް މެޗު ވެސް ވަނީ މޫސުން ގޯސްވުމުގެ ސަަބަބުން މާދަމާ ހަވީރަށް ފަސްކޮށްފައެވެ.

ރާއްޖެ ކުޅޭ މެޗް ފަސްކޮށްފައި ވާއިރު އެ މުބާރާތް ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

ކުރިން ތާވަލްކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝްއާ އެކުގައެވެ. އަދި ތިން ވަނަ މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހު 14 ވަނަ ދުވަހުއެވެ.

މިރޭގެ މެޗު ފަސްކޮށްފައި ވާއިރު ސްޓެލްކޯއިން އެ ކުންފުނީގެ މާޓީވީން ރާއްޖެ ކުޅޭ ހުރިހާ މެޗެއް ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މިރޭ ރާއްޖެއާއި ލަންކާ ކެޅޭ މެޗު ކާނިވާ ސަރަހައްދުގައި އަދި ޒުވާނުންގެ މަރުކަޒުގައި ހުންނަ ބޮޑު ސްކްރީނުން ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.