ޅ. ކުރެންދޫ އާއި ށ. މިލަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބ. ހިތާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި 3 މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެ މަޝްރޫއަކީ 365 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި 44.92 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެއީ 36.69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ތުޅާދޫ ބަނދަރު މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި އެ މަޝްރޫއަކީ 17.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 19030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 495 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމާއި 22 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 90 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 350 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރޭމްޕެއް ހެދުމާއި 1750 އަކަ މީޓަރުގެ ސަރަހައްދެއްފައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.